ފުވައްމުލަކުގެ ފެނުގެ މައްސަލާގައި ހުށަހެޅި ކުއްލި މައްސަލާގައި ހަގީގަތެއް އެކުނުލެވޭތީ މަޖިލީހުން ބޭރުކޮށްލައިފި

ފުވައްމުލަކުގެ ފެނުގެ މައްސަލާގައި ހުށަހެޅި ކުއްލި މައްސަލާގައި ހަގީގަތެއް އެކުނުލެވޭތީ މަޖިލީހުން ބޭރުކޮށްލައިފި

Author
ޙަސަން މުޙައްމަދު
16 ނޮވެމްބަރ 2025 10:27
0

ފުވައްމުލަކަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ބުނެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުން އެއްކޮށް ފެނުގެ ހިދުމަތް ކެނޑިފައިވާތީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވެފައިވާ ކަމަށް ފާހަގަކޮށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް މި މައްސަލަ ހުށަހެޅުއްވި އެވެ. ފެން ދޫކުރަން ފަށާފައިވާ ނަމަވެސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފެން ރައްކާތެރި ކަމަށް ބުނި ނަމަވެސް، ލެބޯޓްރީ ޓެސްޓަކާ ނުލައި ފެނުގެ ވަހުންނާއި ކުލައިން ތަގައްޔަރުވެފައިވާކަން ރައްޔިތުންނަށް އެނގޭ ކަމަށާއި ފެނުގެ ރައްކާތެރިކަން ކަށަވަރުވަންދެން އާންމު ބޭނުންތަކަށް ފެން ދޫނުކުރަން ސިޓީ ކައުންސިލުން އެދިފައިވާ ކަމަށް އެ މައްސަލާގައި ބުންޏެވެ.

ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މި މައްސަލަ ބޭރުކުރެއްވީ، އެމްއެފްޑީއޭއިން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ފުވައްމުލަކުގައި ދޫކުރާ ފެނަކީ ޑަބްލިޔުއެޗްއޯގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް ބުނެފައިވާތީ އެވެ. މަޖިލީހުގެ ގަވައިދުގައި ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައެއް ކަމަށް ވާންޖެހޭތީ މި މައްސަލާގައި އެ ޝަރުތު ހަމަނުވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ފުވައްމުލަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައިން ބުނާ ގޮތުގައި، ފެން ތަގައްޔަރުވީ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީ އެވެ. ނަމަވެސް ރަށުގެ ގިނަ ބަޔަކު އެކަމާ އެއްބަހެއް ނުވެ، ހަގީގީ މައްސަލައަކީ ފެނުގެ ޕްރޮޑަކްޝަނުގެ މައްސަލައެއް ކަމަށް ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.