ތެލެސީމިއާގެ ފަރުވާއަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވާ 19 ދިވެހި ކުދިން މިހާރު ރިކަވަރީގައި ތިބިއިރު، އިތުރު 10 ކުދިން އެ ފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހީނާ ފާހަގަކުރެއްވީ، ތެލެސީމިއާ ކުދިންގެ ކަންކަމަކީ ވިއްސަކަށް އަހަރު ވަންދެން އިހުމާލުވެފައި އޮތް ދާއިރާއެއް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މި ދާއިރާއަށް އިސްކަމެއް ދީ، ފަރުވާގެ ފުރުސަތުތައް ފުޅާކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ފޮނުވި ފުރަތަމަ ބެޗްގައި 18 އަހަރުން މަތީގެ ކުދިން ހިމެނިފައިވުމަކީ، އެ އުމުރަށް ދިޔައިރުވެސް ރަނގަޅު ފަރުވާ ނުލިބުމުން ދިމާވި ދަތިކަމެއްކަމަށް ހީނާ ފާހަގަކުރެއްވިއެވެ. އުމުރުން ދުވަސްވާވަރަކަށް މި ފަރުވާގެ ރިސްކް ބޮޑުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ތެލެސީމިއާ ކުދިންގެ ހާލަތު ބައްލަވައި، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ ކުދިންނަށް ދެވޭ އެލަވަންސް 2,000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް ހީނާ ވިދާޅުވިއެވެ. މާލޭގެ ތެލެސީމިއާ ސެންޓަރުގެ ހާލަތު ބެއްލެވުމަށް ރައީސް އަމިއްލަފުޅަށް ވަޑައިގަތުމަކީ ވިއްސަކަށް އަހަރު ތެރޭ ނުފެނުނު އޯގާތެރިކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ