ރައީސް މުއިއްޒުއަކީ ދިވެހިން ބޭނުންވި ހަގީގީ ލީޑަރު: ހީނާ

ރައީސް މުއިއްޒުއަކީ ދިވެހިން ބޭނުންވި ހަގީގީ ލީޑަރު: ހީނާ

Author
ހުސައިން
14 ނޮވެމްބަރ 2025 09:51
0

ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ދިވެހިން އެދިއެދި ތިބި އޯގާތެރި، ހިތްތިރި، ނިޔަނެތި ޒައީމު ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަ ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެ ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހީނާ ވިދާޅުވީ ވެރިކަމުގައި މިދިޔަ ދެ އަހަރު ރައީސް މުއިއްޒު ވަނީ ވާދަވެރި ސިޔާސީ ލީޑަރަކު ޖަލަކަށް ނުލައި، އޯގާތެރިކަމާއެކު ރައްޔިތުންގެ އަޑުތައް އަޑުއައްސަވައި، އުނދަގޫ މައްސަލަތައް ހައްލުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައި ކަމަށެވެ. އައިވީއެފް އަދި އައިޔޫއައި ފަރުވާގެ ދޮރު ހުޅުވައިދިނުމާއި، ތެލެސީމިއާ ކުދިންނަށް އެލަވަންސް އިތުރުކުރުމާއި، އަންހެނުންނަށް ލޯނު ލިބޭގޮތް ހަމަޖެއްސުން ފަދަ ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަން ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ ވާދަވެރި ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ ރައީސްގެ ފަހަތުގައި މަސައްކަތް ކުރާ ޓީމް ބަލިކޮށްލުން ކަމަށާއި، ހާއްސަކޮށް އަންހެނުންނަށް ޓާގެޓްކޮށްގެން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ރައީސް ރައްޔިތުންގެ ފަޅީގައި ހުރެ އެމީހުންނަށް ހިދުމަތް ކުރުމުގައި ރޭގަނޑާއި ދުވާލު ކުރައްވާ ބުރަ މަސައްކަތަކުން އެމަނިކުފާނަށާއި ޓީމަށް ހިތްވަރު ލިބެމުންދާކަން ހީނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.