ގާނޫނުން ލާޒިމުކުރި ކަމުގައިވިޔަސް، ރާއްޖޭގައި އީ-ވޯޓިން ނިޒާމެއް ގާއިމުކުރުމަކީ ދަތި ކަމެއް ކަމަށާއި، މިވަގުތު އެފަދަ ވިސްނުމެއް ކޮމިޝަނުން ނުގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މިހާރު އަމަލުކުރަމުން އަންނަ މެނުއަލް ވޯޓިން ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާއިރު، އިންތިހާބުތަކުގެ ސައްހަކަމާ މެދު ރައްޔިތުންގެ ހިތުގައި އޮންނަ ޔަގީންކަން ގެއްލޭ ފަދަ ކަމެއް ކުރުމަށް އީސީން ފަސްޖެހޭނެ ކަމަށެވެ. އީ-ވޯޓިންއަށް ދާނެ ފަދަ މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ސަރުކާރުން އީ-ވޯޓިން ގާއިމުކުރަން ބޭނުންނަމަ، ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް އެ އެންމެންގެ އިއްތިފާގުން އެކަން ކުރެވިދާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ. އެގޮތަށް ކުރުމުން ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ނިޒާމާ ގުޅޭ ސުވާލުތަކަށް ޖަވާބުދާރީވުން ފަސޭހަވެގެންދާނެ ކަމަށް އީސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ