ދައުލަތަށް ގެއްލުނު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ވަނީ އަންގާފަ: އޭސީސީން

ދައުލަތަށް ގެއްލުނު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ވަނީ އަންގާފަ: އޭސީސީން

Author
ޙަސަން މުޙައްމަދު
12 ނޮވެމްބަރ 2025 05:59
0

ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލިގެން ގޮސްފައިވާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ ކަމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ހާމަކުރެއްވިއެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ ތަހުގީގުތަކުން ފާހަގަކުރެވޭ ފައިސާ އަނބުރާ ހޯދުމަށް ކޯޓަށް ދިއުމުގެ ގާނޫނީ ބާރު އޭސީސީއަށް ނެތް ކަމަށެވެ. ނަމަވެސް ގެއްލުނު ފައިސާގެ އަދަދުތައް ދެނެގަނެ އެ ފައިސާ އަނބުރާ ހޯދަން ކަމާބެހޭ ފަރާތްތަކަށް އަންގުމުގެ ބާރު ކޮމިޝަނަށް ލިބޭ ކަމަށާއި، އެ ގޮތުން ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން އަންނަ އަހަރު 80 މިލިއަން ރުފިޔާ ހޯދުމަށް އަންގާފައިވާއިރު، މިއަހަރު ވެސް ބޮޑެތި އަދަދުތަކެއް އަނބުރާ ހޯދުމަށް ވަނީ އެންގިފައެވެ. މީގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، ބައެއް މައްސަލަތައް މިހާރުވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޝާމިލް ވިދާޅުވިއެވެ.

އޭސީސީގެ ބަޖެޓާ ގުޅޭގޮތުން ޝާމިލް ހާމަކުރެއްވީ 84 މިލިއަން ރުފިޔާ އެދިފައި އޮވެފައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ދީފައިވަނީ 47.37 މިލިއަން ރުފިޔާ ކަމަށާއި، މިކަމާއި ގުޅިގެން ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ބައްދަލުކުރާ ދަތިތައް ލިޔެ ހުށަހަޅައިދޭއިރުވެސް އެންގެވުމުގައި އުނދަގޫވާކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.