އޭސީސީއަށް ނުފޫޒެއް ނެތް، ނަމަވެސް ބަޖެޓް ކުޑަ: ޝާމިލް

އޭސީސީއަށް ނުފޫޒެއް ނެތް، ނަމަވެސް ބަޖެޓް ކުޑަ: ޝާމިލް

Author
ހުސައިން
12 ނޮވެމްބަރ 2025 05:57
0

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވީ، އޭސީސީގެ މަސައްކަތްތަކުގައި ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ. މި ސަރުކާރުން އެ ކޮމިޝަނަށް އެއްވެސް ކަމެއްގައި ނުފޫޒު ފޯރުވާފައި ނުވާ ކަމަށް އޭނާ ވަރަށް ސާފު އިބާރާތުން ވިދާޅުވިއެވެ.

ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ކުރެއްވި ސުވާލުގެ ޖަވާބުގައި ޝާމިލް ވިދާޅުވީ، އޭސީސީގެ މިނިވަންކަމާމެދު ސުވާލު އުފައްދާ ސަބަބުތައް ހުންނަ ކަމަށެވެ. އެގޮތުން ތަހުގީގުތައް ލަސްވާއިރު ބައެއް މީހުން ދެކޭ ގޮތުގައި އެއީ ކޮމިޝަނުން ގަސްތުގައި ލަސްކުރާ ކަމެކޭ ހިތައި، މިނިވަންކަން ނެތް ކަމަށް ދެކޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކަށަވަރުކުރަން ޖެހޭ ގިނަ ކަންތައްތަކާއި، ފަންނީ ގާބިލުކަމާއި ވަސީލަތްތަކުގެ ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތްތައް ލަސްވާ ކަމަށް ޝާމިލް ސާފުކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އދ.ގެ ކޮރަޕްޝަނާ ދެކޮޅު މުއާހަދާގައި ރާއްޖެ ބައިވެރިވެފައިވާއިރު، އެ މުއާހަދާގެ ޖަކާޓާ ޕްރިންސިޕަލްގައި އެންޓި ކޮރަޕްޝަން ކޮމިޝަންތަކަށް މަޖިލީހުން ބަޖެޓު ކަނޑައެޅުމަށް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އަންނަ އަހަރަށް އޭސީސީއަށް ކަނޑައަޅައިފައިވާ ބަޖެޓު މި އަހަރަށްވުރެ 9 ޕަސެންޓު ކުޑަކޮށްފައިވާ ކަމުގެ ކަންބޮޑުވުން ޝާމިލް ފާޅުކުރެއްވިއެވެ. މި އަހަރު 52 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް އޮތް ނަމަވެސް، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި އެ އަދަދު 47 މިލިއަނަށް ދަށްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.