ކަންތައްތައް ރަނގަޅުކުރަން ސަރުކާރުން މަސައްކަތްކުރާތަން ބަޖެޓުން ފެނޭ: ސަލީމް

ކަންތައްތައް ރަނގަޅުކުރަން ސަރުކާރުން މަސައްކަތްކުރާތަން ބަޖެޓުން ފެނޭ: ސަލީމް

Author
ހުސައިން
12 ނޮވެމްބަރ 2025 11:45
0

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން ފެންނަނީ ކަންތައްތައް ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަތަން ކަމަށް އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސްކުރައްވަމުން، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ މުޅި ބަޖެޓަށް ބަލާއިރު ފެންނަނީ މުހިއްމު ދާއިރާތަކަށް ބޮޑު އިސްކަމެއް ދީފައިވާތަން ކަމަށެވެ. ބަޖެޓު ފޮތުގައިވާ ތަފްސީލުތަކަށް ބަލައިގެން މަސައްކަތްކޮށްފިނަމަ ރަނގަޅު ނަތީޖާ ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން ބަޖެޓަށް ފާޑުކިޔާކިޔުމަށް ރައްދުދެއްވައި ސަލީމް ވިދާޅުވީ ކިތަންމެ ރަނގަޅު އެއްޗެއް ހުށަހެޅިޔަސް ހުރިހާ މީހުން އެއްބަސްވާނެ ކަންކަމެއް ނޫންކަމަށެވެ. ދައުލަތުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ވިސްނަންޖެހޭކަން ފާހަގަކުރައްވައި މިއަހަރު ވެސް ސަރުކާރުން އެކަމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބޭސްފަރުވާ އާއި ވަޒީފާގެ ބަޖެޓު ކުޑަކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ރައްޔިތުންނަށް ހިލޭކޮށްދެމުންއަންނަ ކަންތައްތައް ހުއްޓާލުމަކީ ވެސް އެހެން ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ކަންކުރަމުން އައިގޮތުން އަންނަ އަހަރު ވެސް ދަރަންޏަށް 10 ބިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށާއި ދަރަނި ނެގޭނެ މިންވަރު ވެސް ވަރުގަދަކޮށް ކަނޑައެޅުންޖެހޭ ކަމަށެވެ. އާސަންދަފަދަ ހިދުމަތްތައް ތަނަވަސް މީހުންނަށް ދިނުމާ ދެކޮޅަށް ވާހަކަދައްކަވައި ސަލީމް ވިދާޅުވީ ތަނަވަސް މީހުންގެ އަތުން ނަގަންވީ ޒަކާތް ކަމަށާއި ޒަކާތުގެ ހައްގު ބެހެނިވެރިންނަށް ދޭންޖެހޭ ކަމަށެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގުމަށް ހުށަހަޅާފައިވާ ފުރިހަމަ ބަޖެޓެއްކަމަށް ވިދާޅުވެފައެވެ. ވައްކަމާއި ކޮރަޕްޝަނާ ފަސާދަ ނައްތާލުމަށްޓަކައި ރާއްޖެ ޑިޖިޓަލް ރާއްޖެއަކަށް ބަދަލުކުރުމަށް ބަޖެޓުގެ ބޮޑު ދާއިރާއެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ މުއައްސަސާތައް ޑިޖިޓަލީ ބަދަލުވެގެން ދިޔައިމާ ވައްކަމާއި ކޮރަޕްޝަނުން ރާއްޖެ ސަލާމަތް ކުރެވޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.