ފަރުހާދު ފިކުރީއަށް ހެކި ނައްތާލުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފުމުގެ ސީރިއަސް ތުހުމަތުތަކެއް

ފަރުހާދު ފިކުރީއަށް ހެކި ނައްތާލުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފުމުގެ ސީރިއަސް ތުހުމަތުތަކެއް

Author
ހުސައިން
09 ނޮވެމްބަރ 2025 02:23
0

ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް އޭނާގެ ދަރިފުޅަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ހެކި ނައްތާލުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފުމުގެ ސީރިއަސް ތުހުމަތުތައް ކުރާ ސިޓީއެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ މި ސިޓީ ރޭގެ ވަގުތެއްގައި މަޖިލީހުގެ މެއިލްއަށް ފޮނުވާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ސިޓީގައި ފާހަގަކުރެވިފައިވާ ދެ މައްސަލައަކީ، ފަރުހާދުގެ ފިރިހެން ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ ލައިސެންސް ނެތި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހަކަށް ހަމަލާދިން މައްސަލައާއި، ރޭޕްއާއި ޖިންސީ ގޯނާގެ މައްސަލަ އެވެ. ސައިކަލުގައި އެހެން ސައިކަލަކަށް ރަޖިސްޓްރީކޮށްފައިވާ ނަންބަރު އަޅުވައިގެން އުޅުނު ނަމަވެސް، ގާނޫނުގައިވާ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

ތުހުމަތުތަކުގެ ތެރޭގައި، ފަރުހާދު ހުޅުމާލެ ޓްރެފިކް ޕޮލިހުންގެ ހެޑަށް ވަޓްސްއެޕްކޮށް އަމުރުދީ، ޓެކްނޮލޮޖީ ޑިޕާޓްމަންޓުން ސޮފްޓްވެއާ މެނޭޖަރުން ލައްވައި ސައިކަލު ޓޯޔާޑުން މުއްދަތު ހަމަނުވަނީސް ނެރެވޭނެތޯ ބުނެފައިވާކަން ފާހަގަކުރެވިފައިވެ އެވެ. އޭގެ ނަތީޖާއަކަށް ވީ، ސައިކަލު ހިފަހައްޓަން ޖެހޭ 15 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސައިކަލު ޓޯޔާޑުން ނެރުމެވެ.

ރޭޕްގެ މައްސަލައާ ގުޅިގެން، ފުލުހުން ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްފަހު، ދައުވާކުރަން ބޭނުންވާ ހެކި ނައްތާލާފައިވާކަން ފާހަގަކުރައްވައި ޕީޖީ އޮފީހުން ފުލުހުންނަށް ސިޓީއެއް ފޮނުވިކަން ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި ހެކި ނައްތާލުމުގައި ފަރުހާދު ބައިވެރިވި މިންވަރު ވެސް ޕީޖީ އޮފީހުގެ ސިޓީގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. މި ތުހުމަތުތަކާ ގުޅޭ ގޮތުން ފަރުހާދު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.