ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ދިން މަޝްރޫއުތަކުގެ މައްސަލާގައި ކޯޓަށް ދާން އެމްޑީޕީން ނިންމައިފި

ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ދިން މަޝްރޫއުތަކުގެ މައްސަލާގައި ކޯޓަށް ދާން އެމްޑީޕީން ނިންމައިފި

Author
ހުސައިން
09 ނޮވެމްބަރ 2025 08:25
0

ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން އަމިއްލަ ކުންފުނިތަކަށް ދިން 206 މަޝްރޫއު ބާތިލްކުރުމަށާއި އެ މަޝްރޫއުތަކަށް ފައިސާ ދިނުން ހުއްޓުވުމަށް ކޯޓަށް ދާން އިދިކޮޅު އެމްޑީޕީން ރޭ ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މި ނިންމުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރެއް ފާސްކުރުމަށްފަހުގަ އެވެ. ގަރާރު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރީ އިއުލާނުކުރުމެއް ނެތި، ސަރުކާރާ ގުޅުންހުރި ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދީ ކަމަށެވެ. މި ގޮތުން މަޝްރޫއުތައް ދިން ކުންފުނިތަކުގެ ތެރޭގައި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނުހިމެނޭ، އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން ނުބަލައި އެއް ބާވަތެއްގެ މަޝްރޫއުތައް އެކި އަގުގައި ދީފައިވާ ކަމަށާއި، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފުވެފައިވާތީ ސޮއިކުރި އެއްބަސްވުންތައް ބާތިލްކަން ކަމަށެވެ. އަދި ގައުމީ ބޭންކު ބީއެމްއެލްގެ އިސްވެރިންގެ އަތެއް ވެސް އެބައޮތް ކަމަށާއި އެ ބޭފުޅުންނަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމްގެ ގަރާރުގައި ގޮވާލީ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލްކުރުމަށާއި، މިނިވަން މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށާއި، ވަކި މަޝްރޫއުތައް ބީލަމަކާ ނުލައި ދެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހު ބާތިލްކުރަން ކޯޓަށް ދިއުމަށާއި، މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވަން ކޯޓުގައި އަމުރަކަށް އެދުމަށެވެ. އަދި ސަރުކާރުން ފިޔަވަޅެއް ނާޅައިފިނަމަ އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ކޮރަޕްޝަންގެ ދައުވާކޮށް މަގާމުން ވަކިކުރުމަށް ވެސް ގަރާރުގައި ގޮވާލި އެވެ.

ކެބިނެޓުން ނިންމާ ވަކި މަޝްރޫއުތައް ބީލަމަކާ ނުލައި ސަރުކާރުން ބޭނުންވާ ކުންފުންޏަކަށް ދެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދު ބަދަލުކުރީ މިދިޔަ އޮކްޓޯބަރު 12 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.