ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ. މިދިޔަ މަހު 29 ވަނަ ދުވަހު މަގާމުން ވަކިކުރެއްވި މަހުމޫދުގެ ވަޒީފާ އަލުން ދިނުމަށް ނިންމާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ އެކްސްގައި ވަނީ ހާމަކޮށްފައެވެ.
މަހުމޫދު ރިޔާޒު ވަކިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓަކަށް ރިއާޔަތްކުރައްވައިގެންނެވެ. ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރުމާއި ބޮންޑެޑް ވެއާހައުސްއަކުން ގެއްލުނު ސިނގިރޭޓްތަކުގެ މައްސަލަ ދިރާސާކުރުމަށް ފަހު މަގާމުން ވަކިކުރަން ކޮމިޓީން ރައީސަށް ލަފާދީފައިވާ ބައެއް ބޭފުޅުންގެ ތެރޭގައި މަހުމޫދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ސިއްރު ބައްދަލުވުމެއްގައި އެ ކޮމިޓީން އެ ނިންމުން ބަދަލުކޮށް، މަހުމޫދުގެ ވަޒީފާ އަލުން ދިނުމަށް ރައީސަށް ލަފާދީފައިވާ ކަމަށް ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހާމަކުރި އެވެ. ކޮމިޓީގެ އެންގުމާ އެއްގޮތަށް ރައީސް މުއިއްޒު އެ ނިންމުމަށް ފަހު މަހުމޫދުގެ ވަޒީފާ އިއާދަކޮށްދެއްވި އެވެ.
30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކަސްޓަމްސްއަށް ހިދުމަތް ކޮށްފައިވާ މަހުމޫދު ރިޔާޒު ވަކިކުރެއްވުމުން އޭނާ ދަންނަ ބައެއް ފަރާތްތަކުން ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. މަހުމޫދު އަމިއްލައަށް ވެސް ވަނީ އޭނާއަށް ކުރި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ