އެމްޑީޕީގެ ބޮޑު އެއްވުން ފަސް ކޮށްފި

އެމްޑީޕީގެ ބޮޑު އެއްވުން ފަސް ކޮށްފި

Author
ޙަސަން މުޙައްމަދު
09 ނޮވެމްބަރ 2025 08:10
0

އެމްޑީޕީން މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ބޮޑު މުޒާހަރާ ފަސްކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ. އެހެންނަމަވެސް، އެ މުޒާހަރާ ބާއްވާނެ އާ ތާރީހެއް އިއުލާން ކޮށްފައެއް ނުވެ އެވެ.

މިދިޔަ އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަރުކާރަށް ކަންތައްތަކެއް ޑިމާންޑު ކުރުމަށްފަހު، އެ ކަންތައްތައް ފުއްދާ ނުދިނަމަ މި މަހުގެ 17 ގައި އިތުރު މުޒާހަރާއެއް ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް، މުޒާހަރާ އިންތިޒާމު ކުރާ ކޮމިޓީން އެދުމުން އެ އެއްވުން ފަސްކުރަން ނިންމިކަމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވީ، އެ އެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށެވެ. އެގޮތުން އެއްވުމަށް ހުއްދަ ނުދިނުމާއި، އިޝްތިހާރު ކުރަން ހަރުކޮށްފައިވާ ބެނާތައް ނެގުމަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާޓީގެ އިސްވެރިންނަށް އަމާޒުކޮށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރަމުން ގެންދަނީ ވެސް އެ އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި މުޒާހަރާގައި ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރަކާ އެކު ޖުމްލަ އަށް މީހަކު ހައްޔަރުކޮށް، ހަ މީހަކު 15 ދުވަސް ޖަލުގައި ބަންދުކުރުމަށްފަހު ދޫކޮށްލި އެވެ. އެ މުޒާހަރާގައި ފުލުހުން އަމީނީމަގުން ހިނގާލުމަށް އަންގާފައި ވަނިކޮށް، މަޖީދީމަގަށް މުޒާހަރާކުރާ މީހުން ދިއުމުން ޕެޕާސްޕްރޭއާއި ސޮނިކް ވެޕަން ބޭނުންކޮށް މުޒާހަރާ ރޫޅާލި އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.