ނަތަންޔާހޫ ހައްޔަރުކުރަން ތުރުކީން އަމުރު

ނަތަންޔާހޫ ހައްޔަރުކުރަން ތުރުކީން އަމުރު

Author
ޙަސަން މުޙައްމަދު
08 ނޮވެމްބަރ 2025 10:37
0

ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެޤައުމުގެ އިސްވެރިންތަކެއް ހައްޔަރުކުރުމަށް ތުރުކީން ހުކުރު ދުވަހު އަމުރު ނެރެފިއެވެ. އިސްތަންބޫލްގެ ޕްރޮސެކިއުޓަރ އޮފީހުން ނެރުނު އަމުރުގައި 37 މީހަކު ހިމެނޭއިރު، އޭގެ ތެރޭގައި ދިފާޢީ ވަޒީރު އިސްރާއީލް ކާތްޒް، ޤައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގްވީރު އަދި ސިފައިންގެ އިސްވެރިޔާ ލެފްޓިނަންޓް ޖެނެރަލް އޭޔާލް ޒަމީރު ހިމެނެއެވެ. 2023 އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގާފައިވަނީ ނިޒާމީ ގޮތުގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް ތުރުކީގެ ޕްރޮސެކިއުޓަރުން ތުހުމަތު ކުރެއެވެ.

އޭގެ ތެރޭގައި ހޮސްޕިޓަލްތަކަށް ދިން ހަމަލާތަކާއި، ޙިޞާރުކޮށް އިންސާނީ އެހީ ހުއްޓުވުމާއި، މެޑިކަލް ސާމާނު ނައްތާލުން ފަދަ ޖަރީމާތައް ހިމެނެއެވެ. އިސްރާއީލުން ވަނީ މިއީ "ޕީއާރު ސްޓަންޓެއް" ކަމަށް ބުނެ ދޮގުކޮށްފައި ނަމަވެސް، ޙަމާސް ޖަމާޢަތުން ވަނީ ތުރުކީގެ ފިޔަވަޅަށް މަރުޙަބާ ކިޔާފައެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނަތަންޔާހޫގެ މައްޗަށް ހައްޔަރު އަމުރު ނެރެދިނުމަށް އެދިފައިވާތާ އަހަރެއްހާ ދުވަސް ފަހުން ތުރުކީން މި އަމުރު ނެރެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 68،000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، 170،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.