Ad
އައްޑޫ ފްލައިން ސްކޫލުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރ

އައްޑޫ ފްލައިން ސްކޫލުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 11:58
0

އައްޑޫ ފްލައިން ސްކޫލާއި ގުޅޭގޮތުން ދައްކަމުންދަނީ ހަގީގަތެއް ހުރި ވާހަތަކެއްކަމަށް ޤަބޫލުކުރަން ދަތިކަމަށާއި، ނަމަވެސް މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައި ދެއްވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

އައްޑޫ ފްލައިން ސްކޫލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ކުރެއްވި މެސެޖުގެ ޖަވާބުގައި ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އައްޑޫ ފްލައިންގް ސްކޫލާއި ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދާކަމަށެވެ. މިގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީ ގައިވެސް މިކަން ބައްލަވައިދެއްވުމަށް އެދިފައި ވާނެކަމަށެވެ. އަދި ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައިވެސް ވާނެކަމަށެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސްކޫލާއި އެކި ފަހަރުމަތީން ހިއްސާކޮށް، ހައްލު ހޯދައިދިނުމަށް އެދިފައިވެސްވާނެ ކަމަށެވެ.

އެންމެ ފަހުން ސްކޫލާއި ބައްދަލުކުރީ މިއަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގަ އެވެ. އެ ދުވަހުގެ ބައްދަލުވުމުގައި އެފަރާތުން ދެއްވި ޖަވާބަކީ ކުރީ ސަރުކާރުގެ އެދުމުގެ މަތިން ޖާގައަށްވުރެ ގިނަ ދަރިވަރުން ނެގިކަމަށެވެ. އެހެންނަމަވެސް، އެއްވެސް ދަރިވަރަކަށް ކޯސް ފުރިހަމަކުރުމަށް ދައްޗެއް ދިމާނުވާނެކަމަށެވެ.

އަޅުގަނޑުމެންނަށް ލިބޭ ޝަކުވާއިން މިއީ ތެދު މައުލޫމާތުކަމާއިމެދު ޝައްކު އުފެދޭތީ، މިކަމާ ގުޅުންހުރި ލިޔެކިޔުން ހުށަހެޅުމަށް އެފަރާތުގައި އެދިފައިވާނެ. ނަމަވެސް، މިކަމަށް އެއްވެސް ޖަވާބެއް ލިބިފައިނެތުމުން ނިމިދިޔަ ހަފްތާގައިވެސް އެފަރާތާ މުއާމަލާތުކޮށް މައުލޫމާތު ހުށަހެޅުމަށް ފުރުސަތުދެވުނު. މިއަދާއި ހަމައަށްވެސް ފުރިހަމަ ލިޔެކިޔުން ހުށަހަޅާފައިނުވާތީ، މިމައްސަލަ ބެލުމުގައި ދަތިތަކެއް އެބަހުރި. އެހެންނަމަވެސް، މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއިއެކު މިދަނީ މަސައްކަތް ކުރަމުން އަދި މިކަމަށް އަވަސް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަންވެސް އަރުވަން.

މިނިސްޓަރ އިބްރާހީމް ހަސަން

 

އެ ސްކޫލްގައި ކިޔަވާ ދަރިވަރުން ބުނިގޮތުގައި އެ ތަނުގައި ހުރި ކަންބޮޑުވުންތައް މީގެކުރިން ވެސް ތަކުރާރުކޮށް ވަނީ ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ހިއްސާކޮށްފައެވެ. އެގޮތުން އެންމެފަހުން ދަރިވަރުން މިކަމަށް އެޑްރެސްކޮށްދޭން އެދި ސިޓީ ފޮނުވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ސްކޫލްއަށް ވަންނަ ކުދިންނަށް ކޯސް ނިމޭނެ ކަމަށް ދީފައި ވަނީ 12 މަސް އަދި 18 މަސް ކަމަށްވީ ނަމަވެސް އެވްރެޖް ގޮތެއްގައި ސްކޫލްއިން ކޯސް ނިންމާލެވެނީ 3 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހުން ކަމަށް ދަރިވަރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.