ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާ ގޮތާ ހިލާފަށް ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ބިދޭސީންގެ އަތުގައި ރާއްޖޭގައި ދިރިއުޅުމުގެ ނުވަތަ މަސައްކަތްކުރުމުގެ ސައްހަ ވިސާއެއް ނެތްކަން ކޯޓު އަމުރުން އެނގިއްޖެއެވެ.
ފުލުހުން ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް މައުލޫމާތު ލިބުމުން ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ބަންގުލަދޭޝަށް ނިސްބަތްވާ ފަސް މީހަކު ހައްޔަރުކުރި ކަމަށެވެ. އޭގެ ތެރެއިން އެއް މީހަކު ޝަރުތުކުރުމަށް ފަހު ދޫކޮށްލައި، ހަތަރު މީހުން ދިހަ ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
ޝަރުތުކޮށް ދޫކޮށްލީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހަންމަދު ހާރޫން (43އ) އެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ދިވެއްސަކާ ކައިވެނި ކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި ދިރިއުޅޭ ފަރާތެއް ކަމަށާއި، ޕިކަޕް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށްވެއެވެ. ބަންދުކުރި ދެން ތިބި މީހުންގެ ތެރެއިން އަލް އަމީން ބޮޔަޓި (37އ)، ދުލާލް މިއާހް (32އ)، މޮހަންމަދު ރަސެލް މިއާހް (34އ) އަދި މަންވަރު ހޮސައިން (45އ) މި ހަތަރު މީހުން ރާއްޖޭގައި ދިރިއުޅެމުންދަނީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ