ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކުރާ ތަރައްގީގެ މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ މަސައްކަތުގެ ކުރިއެރުމަށް ބަލައި ހަރުދަނާ މިންގަނޑެއްގެ ތެރެއިން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ތަރައްގީގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ 206 މަޝްރޫއު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މި އުސޫލުން ބޭންކުތަކުގެ ފައިނޭންސިން ލިބި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަޝްރޫޢުތައް އަވަސް މިނުގައި ނިންމުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫޢުތަކުގެ ފައިސާ ދޫކުރުމުގައި ސްޓޭންޑަޑައިޒް ނިޒާމެއް ގާއިމްކުރުމާއި، މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މެއިންޓެނެންސް ޒިންމާތައް އެއްބަސްވުންތަކުގައި ބަޔާންކުރުމާއި، ދިވެހިންނަށް ޕްރައިވެޓް ސެކްޓަރުގެ ތެރެއިން ވަޒީފާ ފުރުސަތު އިތުރުކުރުމަކީ މި މަސައްކަތުން ހާސިލްކުރަން ބޭނުންވާ އަމާޒުތައް ކަމަށެވެ. މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ ސަރުކާރުން ކަނޑައެޅި ޕާފޯމެންސް މިންގަނޑުތަކާއި މަސައްކަތުގެ ނަތީޖާއާ ގުޅިފައިވާ ގޮތަކަށް ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ. މިއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއް ކަމަށް އޭނާ ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތައް ބާރުވެރިވެ ބޭރުގެ ވިޔަފާރިތަކުން ޤައުމުން ބޭރުކުރާ ބޭރުފައިސާ މަދުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ