2020ގައި ސިއްރުން ކައިވެނިކުރި އެމާ ސްޓޯން ބަނޑުބޮޑުކަމަށް ފަހުގެ ރިޕޯޓުތައް ބުނެފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު، ޑެއިލީ މެއިލްސް އިން އާންމުކުރި ފޮޓޯތަކެއްގައި ފެނިގެންދަނީ އެމާ އޭނާގެ ބޭބީ ބަމްޕްއާއެކު ލޮސްއެންޖެލެސްގެ މަގެއްގައި ހިނގަނިކޮށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު އެމާ ކައިވެނިކޮށްފައި ވަނީ "ސަޓަޑޭ ނައިޓް ލައިވް" ގެ ސެގްމެންޓް ޑައިރެކްޓަރ އަކަށް މަސައްކަތްކޮށްފައިވާ ކޮމޭޑިއަން، ޑޭވް މެކްކެރީއެވެ. އެމާ މެކްކެރީގެ ދަރިއަކަށް ބަލިވެ އިނީކަމަށް ދައްކާ އެއްވެސް ވާހަކަ އަކަށް އޭނާ އަދި މިހާތަނަށް ރައްދުދީ ކޮމެންޓުކޮށްފައެއް ނުވެއެވެ.
އެމާ ކައިވެނިކުރީ އެދެމީހުންގެ އެންގޭޖްމެންޓު އިއުލާނުކުރިތާ އެއް އަހަރުފަހުންނެވެ. 2019 ގެ ޑިސެމްބަރ މަހު އެންގޭޖްމެންޓުގެ ޚަބަރު ދީފައިވަނީ އެމާގެ އަތުގައި އަޅާފައިވާ ޕަރލް އެންގޭޖްމެންޓު އަނގޮޓީގެ ފޮޓޯއެއް ހިއްސާކުރަމުން އިންސްޓަގްރާމުގައެވެ.

އެދެމީހުންގެ ކައިވެންޏަށްފަހު، މިހާރު ތައްޔާރުވަމުންދަނީ އަންނަން އުޅޭ މެހެމާނަށް މަރުހަބާ ކިޔުމަށެވެ. އެމާ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކައިވެނި ކުރުމާއި ދަރިން ހޯދުމަކީ އޭނާގެ ޒުވާން ދުވަސްވަރު އެއްވެސް ވަރަކަށް ބޭނުންވީ ކަމެއް ނޫން ކަމަށެވެ.
އެމާ ބުނިގޮތުގައި ދަރިއަކު ލިބުމަށްފަހުވެސް އޭނާ މަސައްކަތަށް ނުކުންނަން ބޭނުންވެއްޖެއްޔާ ޑޭވްގެ އެހީތެރިކަން ލިބޭނެއެވެ.

އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ހޮލީވުޑްގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" އެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ރިލީޒްކުރާނެ ޑިޒްނީގެ ކްރައިމް ކޮމެޑީ "ކުރްއެލާ" އެވެ.
ކޮމެންޓު ފޮނުވާ