ރާއްޖެއަށް އެތެރެކުރި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނަގައި ހަލާކުކޮށްލި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން މިރޭ އެދިއްޖެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް 9 މީހަކު ހައްޔަރުކޮށް 19 މީހަކަށް ފުރުން މަނާކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ދޯނި ދުއްވި ކެޕްޓަން ހިމެނެ އެވެ.
ތަހުގީގުން ދައްކާ ގޮތުގައި ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު އެމްޕީއެލް ޓާރމިނަލުން ވަގަށް ނަގައި، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ޓަމިނަލުގައި ބަހައްޓާފައިވެ އެވެ. ވައްކަން ކުރުމަށް ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ. ވަގަށް ނަގައިފައިވާ ކޮންޓެއިނަރުތައް ތިލަފުށަށް ގެންގޮސް ހަލާކުކޮށް، ކޮންޓެއިނަރުގެ ބައެއް ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓާ ފުލުހުން ހޯދާފައިވެ އެވެ.
ފުލުހުން އެދުނީ މި ވައްކަމާ ގުޅޭ މައުލޫމާތު ނުވަތަ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން 9911099 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށެވެ.


