މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު އާންމު ޓްރެފިކަށް އަނެއްކާވެސް ބަންދުކޮށްފި އެވެ. މިދިޔަ މަހު ފަހުކޮޅު އެ ސަރަހައްދު ދުވަސްކޮޅަކަށް ބަންދުކޮށް، ހުޅުވާލުމަށް ފަހު، ރޭ 8 ޖަހާއިރުން ފެށިގެން އަނެއްކާވެސް ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުން ރޭ ކުރި ޕޯސްޓުން ހާމަކޮށްފައިވާ ގޮތުގައި، ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނުމަގުގެ އުތުރުފަރާތުން ޝަހީދު ހުސައިން އާދަމް ބިލްޑިންއިން ފެށިގެން ހުސައިނީ ގޯޅިއާ ހަމައަށް އޮންނަ ސަރަހައްދެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު މަގުން އަމީރު އަހުމަދު މަގަށް ދާން އޮންނަ ޗާންދަނީ މަގުގެ ބައެއް އަދި ޖުމްހޫރީ ހިނގުން ވެސް ބަންދުކޮށްފައިވެ އެވެ. އެމްޓީސީސީ އިމާރާތް ވަށައިގެން، ކަނޑި ދޮންމަނިކު ގޯޅި، މުހައްމަދު އިސްމާއީލްދީދީ ގޯޅި އަދި އެމްއެމްއޭ އިމާރާތުގެ ދެކުނަށް އޮންނަ އިބްރާހީމް ހަސަންދީދީ މަގު ވެސް ބަންދު ކޮށްފައިވެ އެވެ.
މި މަޝްރޫއު ފެށިފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް ހެދުމަށާއި، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާކެޓާ ހަމައަށް 830 މީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި، ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.


