އަދުހަމްގެ ޝަރީއަތް: ވަކީލަކު އައްޔަންކުރަން ފުރުސަތުދީ، ލިޔުންތައް ހަވާލުކުރަން އަންގައިފި

އަދުހަމްގެ ޝަރީއަތް: ވަކީލަކު އައްޔަންކުރަން ފުރުސަތުދީ، ލިޔުންތައް ހަވާލުކުރަން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 11:28
0

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ވަކީލަކު ހަމަޖައްސަން އެދުމުން އެފުރުސަތު އޭނާއަށް ދީފިއެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑު އެހުމުގައި އަދުހަމްގެ ގިނަ ޝަކުވާތަކެއްވަނީ ގާޒީއަށް ހުށަހަޅާފައެވެ. އަދުހަމްގެ ވާހަތަކާއި ގުޅިގެން ޤާޒީވަނީ ފުރަތަމަ ދިން ފުރުސަތުގައި ވަކީލަކު އައްޔަން ކޮށްފައި ނުވަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. ޖަވާބުގައި އަދުހަމް ބުނީ އޭނާ ޖަލުގައި ގެންގުޅޭ ގޮތުން ވަކީލަކު އައްޔަން ކުރަން ދަތިވެފައިވާކަމަށެވެ. އަދި ދައުވާއާއި ގުޅޭ ލިޔުން އަވަހަށް ބޭނުންވާކަމަށްވެސް އަދުހަމް ވަނީ ބުނެފައެވެ.

ގާސިމް ހަސަން މަރާލި ކަމަށް ފުރަތަމަ އެއްބަސްވެ އެކަމަކު ފަހުން އިންކާރު ކުރި އަދުހަމް ބުނީ ދިފާއީ ވަކީލަކު ހަމަޖައްސަން މުއާމަލާތް ކުރުމުގެ ފުރުސަތުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސައި ނުދޭ ކަމަށެވެ. އަދި އޭނާހުރީ ވަކީލަކާއި ނުލައިވެސް ކުރިއަށް ދިއުމަށްކަމަށް އަދުހަމް ވަނީ ބުނެފަ އެވެ.

ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންގޮސް، ދިފާއީ ވަކީލު އަތުގައި ހުރި ލިއެކިއުންތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް ޤާޒީ ވަނީ ދައުލަތުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެ ލިއެކިއުންތައް ކަރެކްޝަންސް މެދުވެރިކޮށް މިއަދުގެ ވަގުތެއްގައި ޙަވާލު ކުރައްވާނެކަން ދައުލަތުން ވަނީ ވިދާޅުވެފަ އެވެ.

މައްސަލައިގައި ގާޒީއާއި ދައުލަތުން ފާހަގަކުރި ކަންކަމަށްފަހު އަދުހަމު ވަނީ މައްސަލައާ ގުޅިގެން ވަކީލަކާ މަޝްވަރާ ކުރުމުގެ އެކަށީގެންވާ ފުރުސަތު ލިބިއްޖެނަމަ، އައު ވަކީލަކާއެކު ކުރިއަށް ދިއުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު ދެއްވުމަށް ނިންމަވައި އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަދުވަހުގޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރި ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި މި ދައުވާ އުފުލާފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްތި ގެންގުޅުން މަަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

މަރަށްމަރުގެ ހިފަން ދަށު ކޯޓުން ހުކުމްކުރި ނަމަވެސް އެހުކުމް ތަންފީޒުކުރަންޖެހޭނީ އެންމެ މަތީ ކޯޓް ސުޕްރީމްކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ.

މަރުގެ މައްސަލަތަކުގައި މަރަށް މަރު ހިފަން ދަށު ކޯޓުން އިއްވި ތިން ހުކުމެއް ސުޕްރީމްކޯޓުން ވަނީ ދަމަހައްޓާފައެވެ. އެއީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ ގާތިލް ހުސެއިން ހުމާމާއި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތާއި މަޖިދީމަގުގައި ވަޅިއަކުން ހަމަލާދީ މަރާލި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް ގ. ރީފް މުހައްމަދު ނަބީލް މައްޗަށް އިއްވާފައިވާ މަރުގެ ހުކުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.