އުރީދޫ މޯލްޑިވްސްގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ 180 މިލިއަން ރުފިޔާއަށް

އުރީދޫ މޯލްޑިވްސްގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ 180 މިލިއަން ރުފިޔާއަށް

Author
ހުސައިން
01 ނޮވެމްބަރ 2025 08:46
0

ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އިސްކުންފުންޏެއް ކަމަށްވާ އުރީދޫ މޯލްޑިވްސް އިން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވަނީ 180 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައި ފާހަގަކޮށްލެވޭ މާލީ ކާމިޔާބީއެއް ހާސިލްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.

ބުރާސްފަތި ދުވަހު އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މި ކުއާޓަރުގައި ކުންފުންޏަށް 549 މިލިއަން ރުފިޔާގެ ޖުމްލަ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1 އިންސައްތައިގެ ކުރިއެރުމެކެވެ. ކުންފުނީގެ އާމްދަނީގެ ބޮޑު ބައެއް ކަމަށްވާ 404 މިލިއަން ރުފިޔާ ލިބިފައިވަނީ މޯބައިލް ހިދުމަތްތަކުންނެވެ. ފިކްސްޑް ބްރޮޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން 143 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދައިފައެވެ.

މި ކުއާޓަރުގައި އުރީދޫއިން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ ފުޅާކުރުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ބ. ތުޅާދޫ އާއި ހދ. ހަނިމާދޫގައި ފައިބާ ބްރޮޑްބޭންޑުގެ ހިދުމަތް ފެށުމަކީ ރަށްރަށުގެ ރައްޔިތުންނަށް ޑިޖިޓަލް ހިދުމަތްތައް ފަސޭހަކޮށްދިނުމަށް ކުރި މުހިއްމު މަސައްކަތެކެވެ. މީގެ އިތުރުން ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ އުރީދޫ މަސް ރޭސް ވެސް މި ކުއާޓަރުގައި ކާމިޔާބުކަމާއެކު ބޭއްވިފައިވެއެވެ.

ހޯދި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ކުންފުންޏަށް ގަބޫލުކުރެވޭ ކަމަށާއި، ރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.