ކޯޓުގެ ހުކުމާ އެއްގޮތަށް ލޭބާ ޕާޓީ އަލުން ދަފްތަރުގައި ހިމަނައިފި

ކޯޓުގެ ހުކުމާ އެއްގޮތަށް ލޭބާ ޕާޓީ އަލުން ދަފްތަރުގައި ހިމަނައިފި

Author
ހުސައިން
01 ނޮވެމްބަރ 2025 01:19
0

މެންބަރުންގެ އަދަދު ހަމަނުވާކަމަށް ބުނެ 2022 ވަނަ އަހަރު އުވާލި މޯލްޑިވްސް ލޭބާ އެންޓް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް އަލުން އިއާދަކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީއަށް ރަސްމީކޮށް އަންގާފައިވާ ގޮތުގައި، ޕާޓީގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު ނޮވެމްބަރު 14 ގެ ކުރިން ހިއްސާކުރުމަށް ކޮމިޝަނުން އަންގާފައިވެއެވެ. މިއީ ޕާޓީގެ ހަރަކާތްތައް އަލުން ފަށައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދޭ ފުރުސަތެކެވެ.

މާޗް 2022 ގައި 3000 މެންބަރުން ހަމަނުވާކަމަށް ބުނެ ލޭބާ ޕާޓީ އުވާލަން އީސީން ނިންމި އެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިވިލް ކޯޓުން ވަނީ އެގޮތަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފައެވެ.

މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް 2019 ވަނަ އަހަރުގެ ޖެނުއަރީ 20 ގައި ރަޖިސްޓްރީކުރި މި ޕާޓީން ކޯޓުގައި ވަނީ ޕާޓީއަށް ނޭނގި މެންބަރުން ވަކިވާން އެދޭ ފޯމުތައް އީސީން ޕްރޮސެސް ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި މުއްދަތު ހަމަވިއިރު ދެ މެންބަރުން މަދުކަމަށް އަންގައި، މެންބަރުން ހަމަކުރަން އިތުރު ފުރުސަތެއް ނުދީ ޕާޓީ އުވާލީ ކަމަށްވެސް ބުންޏެވެ.

ޕާޓީ އަލުން ރަޖިސްޓްރީކޮށްފައިވާތީ، ޕާޓީގެ ފިކުރާ ގުޅޭ ހުރިހާ ފަރާތްތަކަށް ޕާޓީއާ ގުޅުމަށް އެމްއެލްއެސްޑީޕީން އެދިފައިވެއެވެ. ކޯޓުގެ ހުކުމުގެ ނަތީޖާއަކީ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ޕާޓީން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.