ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށްނެގި މައްސަލައިގައި ލޮޓަސް ކޮމްޕެނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރު މުއާޒު އަލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. މި މައްސަލައިގައި ކުރީން އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
މިދިޔަ އޭޕްރިލް 26 ވަނަ ދުވަހު ކަސްޓަމުން ހިފަހައްޓައި އެމްޕީއެލާ ހަވާލުކުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. މި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށް 12 މީހަކު ފުރުން މަނާކޮށްފައިވާއިރު، ކަސްޓަމްސް އާއި އެމްޕީއެލްގެ މުވައްޒަފުން ވެސް ހައްޔަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެ އެވެ. ފުލުހުން މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތައް ހޯދައި ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ކޮމެންޓު ފޮނުވާ