ރިސޯޓުތަކުން ކާބޯތަކެތި ތައްޔާރުކުރުމަށްފަހު އުކާލާ ކައްކާތެޔޮ ބޭނުންނުކުރުމަށް އަނެއްކާވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުންނަށް އަންގައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ރިސޯޓުތަކުން އުކާލާ ތެޔޮ އަލުން ކާބޯތަކެތި ތައްޔާރުކުރުމަށާއި ވިއްކުމަށް ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް އެމްއެފްޑީއޭއަށް ލިބެމުންދާ ކަމަށެވެ. 2018 ވަނަ އަހަރުވެސް މި ކަމާއި ގުޅޭގޮތުން އާންމުންނަށް އަންގާފައިވިޔަސް، މިހާރުވެސް މިފަދަ ކަންތައްތައް ހިނގަމުންދާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
އެމްއެފްޑީއޭއިން ބުނީ، މިގޮތަށް އުކާލާ ތެޔޮ ބޭނުންކުރުމަކީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ކަމެއްކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާ ހިލާފު އަމަލެއްކަމަށެވެ. ރިސޯޓުތަކުން އުކާލާ ތެޔޮއަކީ ގާނޫނުގައި ބަޔާންކުރާ ކާބޯތަކެތީގައި ހުންނަންޖެހޭ އާންމު ޝަރުޠުތައް ފުރިހަމަނުވާ ތެޔޮއެއްކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.
އަދި މިފަދަ ތެޔޮއަކީ ހަލާލުނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ތެޔޮކަމުގައި ވުމުގެ ފުރުސަތު އޮންނަކަމަށާއި، އެއީ ދިވެހިރާއްޖޭގެ ދީނީ އުސޫލުތަކާއި މުސްލިމު މުޖުތަމައުގެ ހަލާލުކަމާ ބެހޭ ޝަރުއީ މިންގަނޑުތަކާ ހިލާފުވެދާނެ ކަމެއްކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. މިފަދަ ތެޔޮ ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2024/6 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.
ކޮމެންޓު ފޮނުވާ