ކްރިމިނަލް ކޯޓުން ކުށްވެރިން ބަންދު ކުރަން އަމުރު ދިނުމުގައި ބޭއިންސާފުން އަމަލު ކުރާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި މި ކުއްލި މައްސަލަ ބޭރުކުރުމަށް ނިންމީ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ރައީސް ވިދާޅުވީ މި މައްސަލަ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީ، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކުއްލި މައްސަލައެއް ހުށަހަޅަނީ ގައުމަށް ނުވަތަ ރައްޔިތުންގެ މަސްލަހަތަށް ސިދާ އަސަރުކުރާ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެކަމާ ގުޅޭ ފިޔަވަޅުތަކާ މެދު ފާޑުކިއުމަށެވެ.
މެންބަރު މީކާއިލް ކަންބޮޑުވެވަޑައިގަތީ ވެލާނާ އެއާޕޯޓުން ބީއެމްއެލްގެ މުވައްޒަފުންނަށް ބިރު ދައްކައި ޑޮލަރު ހުރި ބްރީފްކޭސް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންނަށް ފަސް ދުވަހުގެ ބަންދު ދީފައިވާއިރު، ކެފޭއަކުން ކައި ފައިސާ ނުދީ ފިލަން އުޅުނީ ކަމަށް ބުނެ ހައްޔަރުކުރި މީހަކަށް 10 ދުވަހުގެ ބަންދު ދިނުމުންނެވެ. އަދި އެމްޑީޕީން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް 15 ދުވަސް ދީފައިވާއިރު، ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ފާޑު މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ތިން ދުވަހަށްވުރެ ގިނަ ބަންދެއް ނުދިނުމުން ކޯޓުން ތަފާތު ކުރާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ