ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓް ގެއްލުނު މައްސަލާގައި އެގްޒޯޓިކް އަށް 47 މިލިއަން ދެއްކުމަށް ހުކުމް ކޮށްފި

ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓް ގެއްލުނު މައްސަލާގައި އެގްޒޯޓިކް އަށް 47 މިލިއަން ދެއްކުމަށް ހުކުމް ކޮށްފި

Author
ހުސައިން
28 އޮކްޓޯބަރ 2025 08:34
0

އެގްޒޯޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާހައުސްތަކުން ގިނަ އަދަދެއްގެ ސިނގިރޭޓް ގެއްލުނު މައްސަލައިގައި 47 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެ ހަފްތާގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އެ ކުންފުންޏަށް ހުކުމްކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، އެގްޒޯޓިކް އަދި އެސްޖީއެމް ބޮންޑެޑް ވެއާހައުސްތަކުގައި ހުރިހާ ސިނގިރޭޓް ހުންނަންޖެހޭ ގޮތަށް ނެތްކަމަށެވެ. ކަސްޓަމްސްއިން ބޮންޑެޑް ވެއާހައުސްތައް ޗެކްކުރިއިރު، ޔެލޯ ކެމަލް، އެމެރިކަން ލެގެންޑް، މެންޗެސްޓާ ރޯޔަލް ރެޑް ފަދަ ބްރޭންޑްތަކުގެ ޖުމްލަ 575 ކޭސް ސިނގިރޭޓް ގަވައިދާ ޚިލާފަށް ނެރެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ކަސްޓަމްސްގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ވައިގެ މަގުން ރާއްޖެ ގެނައި އަދި ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ސިނގިރޭޓުން ބޮޑު ބައެއް ވަނީ ގެއްލިފައެވެ. މި ގެއްލުނު މުދަލަށް ޑިއުޓީގެ ގޮތުގައި 47,182,011.86 ރުފިޔާ ދެއްކުމަށް ކަސްޓަމްސް އިން އެ ކުންފުންޏަށް އަންގައިފައިވާނަމަވެސް އެ ފައިސާ ދައްކާފައި ނުވެއެވެ.

ސިވިލް ކޯޓުން އެގްޒޯޓިކް އެންޓަޕްރައިސަސް ޣައިރު ހާޒިރުގައި ނެރުނު ހުކުމުގައި، މި ފައިސާ 14 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ދެ ވެއަރހައުސްގެ ރަޖިސްޓްރީވެސް ވަނީ ބާތިލުކޮށްފައެވެ. މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެހެއްޓޭނެ ގޮތަށް ކަސްޓަމްސްގެ ގަވާއިދަށް އިސްލާހު ގެނެވިފައިވާކަން ކަސްޓަމްސްއިން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.