ގައުމުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް ވެރިކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހއ. ދިއްދޫގައި ބޭއްވި ހަފްލާއެއްގައި ރޭ ވިދާޅުވެއްޖެއެވެ. "ތިލަ އުތުރު އެވޯޑު" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަށް އެދުމަކީ އައިބެއް ނޫން ކަމަށާއި، ކޮންމެ މީހަކު ވެސް ކޮންމެވެސް ބޭނުމެއް ބޭނުންވެގެން އުޅޭ ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވީ، ވެރިކަމަށް އެދެނީ އަމިއްލަ މަންފާއެއް ހޯދުމަށް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ހާލަތު ބަދަލުކުރަން ބޭނުންވާ ކަމަށެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރު 2013 އިން 2018 އަށް ފާހަގަކުރައްވައި، އެ ދުވަސްވަރަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އެކި ދާއިރާތަކަށް ފާގަތި ފަސް އަހަރު ކަމަށް ވިދާޅުވެފައެވެ. ވޯލްޑް ބޭންކާއި އައި.އެމް.އެފް ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުން އެކަން ސިފަކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ފެނިގެންދަނީ ވަރަށް ދެރަ ހާލަތެއް ކަމަށާއި، ރައްޔިތުން ލަދުގަންނަންޖެހޭ ކަންކަން ފެނިގެންދާ ކަމަށް ޔާމީން ސިފަކުރެއްވިއެވެ. ވަޢުދުވެފައި ހުންނަ ކަންތައްތައް ނުފުދި، ރައްޔިތުންނަށް ތަކުލީފުތައް އުފުލަންޖެހި، މުއައްސަސާތައް ޒިންމާދާރުނުވެ، ދޭންޖެހޭ ޚިދުމަތްތައް ނުދެވޭ ހާލަތްތަކުގައި އަޑު އުފުއްލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޭގެ ޖަލްސާގައި ރައީސް ޔާމިން ވަނީ އެކި ދާއިރާތަކުން ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ގާޑު ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ