މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ޔޯގާގެ ހަރަކާތްތައް ހިންގާ ވެލްނަސް ސެންޓަރެއް ހުޅުވި މައްސަލައިގައި ސުވާލުކުރުމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުން ދެ މިނިސްޓަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ. މަޖިލީހަށް ހާޒިރުކުރަން ހުށަހެޅި މިނިސްޓަރުންނަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންއާއި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.
"ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި އަމިއްލަ ކުންފުންޏަކުން ސެޕްޓެމްބަރު 23 ގައި މާލޭގައި ހިދުމަތް ދޭން ފެށި މި ވެލްނަސް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރު ޑރ. މާރިޔާއެވެ. އެހެންކަމުން އެ މިނިސްޓަރުގެ ކިބައިން ސުވާލުކުރަނީ އެ ސެންޓަރު ހުޅުވައިދެއްވީ ރައީސްގެ ހުއްދައެއް ނުވަތަ އިރުޝާދުފުޅެއް ލިބިވަޑައިގެންތޯ ސާފުކުރުމަށެވެ. މިނިސްޓަރު އިހުސާނަށް ކުރާ ސުވާލަކީ ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރު ކުރިއިރު އެކަން ނުހުއްޓުވި ސަބަބާއި، ޔޯގާގެ ހަރަކާތް ހިންގުން ހުއްދަ ކަމަށް ރައީސްގެ އިރުޝާދުފުޅެއް ލިބިފައިވޭތޯއެވެ.
ޔޯގާއަކީ މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިއްބެވި އިރު ދެކޮޅުހެދި ހަރަކާތެކެވެ. 2022 ގައި އިންޑިއާ އެމްބަސީން ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަށް ދީނީ އިލްމުވެރިންނާއި އާންމުން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުންތަކެއް ހިންގި އެވެ. އެ އަމަލާ ގުޅިގެން ދައުވާކުރި ބައެއް މީހުންގެ ދައުވާ މި ސަރުކާރުން ވަނީ އަނބުރާ ނަގައިފައެވެ. އޭގެ ފަހުން ބޮޑު ހަރަކާތެއް ނުބާއްވައި އޮތުމަށް ފަހު މި އަހަރު ތާޖު މޯލްޑިވްސްގައި ވަރަށް ފުޅާކޮށް އެ ދުވަސް ފާހަގަކުރި އެވެ. އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.
ކޮމެންޓު ފޮނުވާ