ރާއްޖޭގެ ވެރިރަށް މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ތައްޔާރުވެއްޖެއެވެ. ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ލެޓަރ އޮފް އެކްސްޗޭންޖުގައި ރާއްޖެއާއި ޗައިނާ ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަޝްރޫޢު ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްރޫޢަށް ހިލޭ އެހީ ހަމަޖައްސަވައިފިއެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫޢުގެ ކޮންޓްރެކްޓަރެއް ނެގުމާއި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރާނީ ޗައިނާގެ އެޖެންސީތައް މެދުވެރިކޮށެވެ. މިއަހަރުގެ ތެރޭގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތައް ތަރައްގީކުރާއިރު ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓުގެ ނިޒާމު އަޕްގްރޭޑްކުރުމާއެކު ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކުރާނެއެވެ.


