މީޑިއާ ކޮމިޝަންގެ ރައީސު ކަނޑައެޅުމަށް ހަތް މެންބަރުންގެ ނަންތައް މަޖިލީހަށް

މީޑިއާ ކޮމިޝަންގެ ރައީސު ކަނޑައެޅުމަށް ހަތް މެންބަރުންގެ ނަންތައް މަޖިލީހަށް

Author
ހުސައިން
22 އޮކްޓޯބަރ 2025 01:24
0

ގިނަ މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން އައި، އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސަކު އައްޔަންކުރުމަށް ހަތް މެންބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

އާ ގާނޫނުގައި ވާގޮތުން ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން އައްޔަންކުރަނީ މަޖިލީހުންނެވެ. އަދި ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ. ކޮމިޝަންގެ ރައީސަކު އައްޔަންކުރަނީ މަޖިލީހުންނެވެ.

މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތު، އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގު އަދި އާމިނަތު ސަރާހަތު އިއްޒަތެވެ. މީޑިއާތަކުން އިންތިޚާބުކުރި ހަތަރު މެންބަރުންނަކީ ޒަމްއަތު އަހުމަދު ވަހީދު، އަބްދުލްއަޒީޒް އިބްރާހިމް، ހުސައިން ސަގީފް އަދި ސިމާހާ ނަސީމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީޑިއާ ކޮމިޝަންގެ އިންތިޚާބަށް މީޑިއާތަކުގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބުނެވެ. މީޑިއާ ރެގިއުލޭޓްކުރާ ބިލު ތަސްދީގުކުރީ ގިނަ މީޑިއާތަކާއި ތަޖުރިބާކާރު ނޫސްވެރިން އެ ގާނޫނާ ދެކޮޅު ހެދި އިރުއެވެ. މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ އަދި ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެ މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީޑިއާތަކުން އިންތިޚާބުކުރި މެންބަރުން ވެސް ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.