ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފި އެވެ. ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ މަޖިލީހަށް ހުށަހެޅުއްވި މި ބިލް ބަލައިގަތީ މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލްގެ ބޭނުމަކީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓްކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމެވެ. މި ހިދުމަތް އެންމެންނަށް ވާސިލުވެވޭނެ، ރައްކާތެރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަށްވެސް މި ބިލްގައި ހިމެނެ އެވެ. މީގެ އިތުރުން ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް މި ބިލްގައި ބަޔާންކުރެ އެވެ. މަޖިލީހުން ބަލައިގަތުމަށްފަހު ދިރާސާކުރުމަށް މި ބިލް އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
ކޮމެންޓު ފޮނުވާ