މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި މައިކުގެ މައްޗަށް ގަދަކަމުން ހިފަހައްޓައި ނަގަމުން ދިޔައީމާ ވައްޓާލައި، އެ ތަކެއްޗަށް ލިބުނު ގެއްލުމުގެ ޒިންމާ އުފުލައި އަގު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ.
އަގު ސާފުކުރަން ނިންމާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮމިޓީ ބައްދަލުވުމުގައި މައިކުގައި ހިފައިގެން ތިބި ހެންވޭރު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އަތުންނެވެ.
އެ ދުވަހު މައުރޫފް ވާހަކަދައްކަވަން މަސައްކަތްކުރެއްވި ވަގުތު، އިމްރާން މައިކު ދުރަށް ޖައްސަވަން މަސައްކަތްކުރެއްވުމުން ސަމީރު ވެސް މައިކު ހިފަހައްޓަވައިގެން ތިއްބެވި އެވެ. މި ހެދުމުގެ ތެރޭގައި މައިކު ދެކޮޅަށް ދަމަމުން ދިޔައިރު، އިމްރާން މައިކު ކޮޅު އުފުރާލައި ވައްޓާލުމުން ގެއްލުން ލިބިފައި ވެއެވެ.
މިއަދު ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި ގޮތަށް، މައިކަށް ލިބުނު ގެއްލުމުގެ އަގު އެ ތިން މެންބަރުންގެ އަތުން ނެގުމަށް ނިންމި އެވެ. މަޖިލީހުގައި ހިމެނޭ ތަކެއްޗަކީ ދައުލަތުގެ މުދަލްކަން ފާހަގަކުރައްވައި، ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފް މި ހުށަހެޅުމަށް ތާއީދުކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ