ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ގެސްޓްހައުސްތައް ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން އެޅޭ މި ފިޔަވަޅުގެ ދަށުން، މާލެ ސަރަހައްދުގައި ހިދުމަތްދޭ ތަންތަން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަންވާނެއެވެ. އަތޮޅުތެރޭގެ ތަންތަނުން އެ ރަށުގެ ސިއްހީ މަރުކަޒުގެ ޒަރިއްޔާއިން ރަޖިސްޓަރީކުރަންވާނެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭއިން މި ފަހުން މާލެ ސަރަހައްދުގައި ހިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި ރަޖިސްޓްރީނުކޮށް ހިންގަމުންދިޔަ އަދި ހުއްދައިގެ މުއްދަތު ހަމަވެފައިވާ 70 ތަނެއް ބަންދުކޮށްފައިވާއިރު، ރަޖިސްޓްރީކުރަން ހުށަހެޅި 27 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އެ އޮތޯރިޓީން ވަނީ ހުރިހާ ގެސްޓްހައުސްތަކަކުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ