މި އަހަރު ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެ

މި އަހަރު ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ 39 އިންސައްތަ އިތުރުވެއްޖެ

Author
ހުސައިން
18 އޮކްޓޯބަރ 2025 04:14
0

މިއަހަރުގެ ސެޕްޓެންބަރު ނިޔަލަށް ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 39.1 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ހާމަކޮށްފައިވެއެވެ.

މީރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖަނަވަރީން ސެޕްޓެންބަރުގެ ނިޔަލަށް 1.1 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 804 މިލިއަން ޑޮލަރާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. މި އަހަރު ޓެކުހުގެ ގޮތުގައި 851.3 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ނިމުނު އަހަރުގެ 627.9 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ޑިޕާޗަރ ޓެކުހުގެ ރޭޓުތައް މަތިކުރުމާއި އާމްދަނީން ނަގާ ޓެކުހުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން މި ދާއިރާތަކުން ލިބުނު އާމްދަނީވެސް ވަނީ ފުޅާކޮށް އިތުރުވެފައެވެ. ޑިޕާޗަރ ޓެކުހުން 90.9 މިލިއަން ޑޮލަރާއި އާމްދަނީން ނަގާ ޓެކުހުން 120.1 މިލިއަން ޑޮލަރު ލިބިފައިވާއިރު، ގްރީން ޓެކުހުގެ ރޭޓަށް ގެނެވުނު ބަދަލާ ގުޅިގެން 108.6 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޓީޖީއެސްޓީގެ ގޮތުގައި 531.3 މިލިއަން ޑޮލަރު ލިބިފައިވާއިރު، ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 268 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. ބޭރު ފައިސާގެ އާމްދަނީ އިތުރުވުމާ ގުޅިގެން، ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް 130 އިންސައްތައަށް އިތުރުވެފައިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މާލީ ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.