ގެއްލުނު 13.6 މިލިއަން ސިނގިރޭޓު މައްސަލާގައި ސަރުކާރު އިދާރާތައް މަޖިލީހަށް ހާޒިރުކުރަނީ

ގެއްލުނު 13.6 މިލިއަން ސިނގިރޭޓު މައްސަލާގައި ސަރުކާރު އިދާރާތައް މަޖިލީހަށް ހާޒިރުކުރަނީ

Author
އަހުމަދު
16 އޮކްޓޯބަރ 2025 09:28
0

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މަޖިލީހުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އަށް ކޮމިޓީ ބައްދަލުވުމެއް ތާވަލުކޮށްފައިވާއިރު، ކޮމިޓީއަށް ހޯމް މިނިސްޓްރީ، ފުލުހުން، ކަސްޓަމްސް އަދި އެމްޕީއެލުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރުމަށް ނިންމާފައިވާކަން އެނގިފައިވެއެވެ. އެ ނިންމުން ނިންމާފައިވަނީ މީގެ ދެ ދުވަހެއް ކުރިން ބޭއްވި ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ވަގަށް އެތެރެކުރި ސިނގިރޭޓުތައް ތަހުގީގު ނުނިމޭތީ އަހަރަކަށް ވުރެ ގިނަ ދުވަސް ބަނދަރުގައި ބަހައްޓާފައި ހުރިއިރު، އެތަކެތި ގެއްލުނުކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އެ މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، އެތެރޭގައި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)، ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ)، ކަސްޓަމްސްގެ އިސް މުވައްޒަފު ޒިވާރު އިސްމާއިލް އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ ހިމެނެއެވެ. އެ ހަތަރު މީހުންގެ ބަންދަށް ކޯޓުން އަމުރުކޮށްފައިވާއިރު، ޒިވާރާއި މުއާޒު ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ބޭރުކުރުމުގެ އޮޕަރޭޝަނުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވެއެވެ.

އެ މައްސަލާގައި ކަސްޓަމްސް އަދި މިފްކޯގެ ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާއިރު، އެމްޕީއެލުގެ ހަ މުވައްޒަފަކު ވެސް ސަސްޕެންޑުކޮށްފައިވެއެވެ. އަދި ފުލުހުން 12 މީހަކު ފުރުން މަނާކޮށްފައިވެއެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން ގެއްލުނު 13.6 މިލިއަން ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާނަމަ 122 މިލިއަން ރުފިޔާ އަރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.