މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން ހިފެހެއްޓުމަށްފަހު އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި މި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލައިގައި، ހުޅުމާލެ އެމްޕީއެލް ޕޯޓުގެ ހެޑުކަމުގައި ހުންނެވި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް ސަސްޕެންޑްކޮށްފިއެވެ. އޭނާގެ ބަންދުކުރަންވެސް ކުރިމިނަލް ކޯޓުން އަމުރު ކޮށްފައި ވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި 1،360 ސިނގިރޭޓު ކޭސް ހިމެނެއެވެ. މި ސިނގިރޭޓުތަކަށް ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމުން ލަފާކުރެއެވެ. ޒިވާރު ހައްޔަރުކުރީ މި ސިނގިރޭޓުތައް ވަގަށް ބޭރުކުރުމުގެ އޮޕަރޭޝަން ރާވައި ހިންގި ތުހުމަތުގައި ކަމަށާއި، ކޯޓުން 15 ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި މައްސަލައިގައި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު، ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފާއި މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ހިމެނޭ މަޝްހޫރު ވިޔަފާރިވެރިން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފުން ސަސްޕެންޑްކޮށް، 12 މީހަކު ފުރުން މަނާކޮށްފައިވެއެވެ. ކަސްޓަމްސްއިން ބުނީ ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އައްޑޫއަށް ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓެއް ވެސް މި ފަހުން އަތުލައިގެންފައިވެއެވެ.
ކޮމެންޓު ފޮނުވާ