Ad
72 ކިލޯގެ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

72 ކިލޯގެ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

Author
ޙަސަން މުޙައްމަދު
15 އޮކްޓޯބަރ 2025 09:51
0

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 72 ކިލޯގްރާމްގެ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރި ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށްސާބިތުނުވާ ކަމަށް ހުކުމްކުރި ތިން މީހުންގެ މައްޗަށް ފުލުހުން އިސްތިއުނާފްކުރި މައްސަލަ، ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ޑިސެމްބަރު 2020 ގައި މަސްޖަރީ-2 ނަމަކަށް ކިޔާ ދޯންޏެއްގައި ޑައިމޯފިން ޓްރެފިކްކުރި ކަމަށް ބުނާ މައްސަލައިގައި އިރުފާން ތަގިއްޔު، އަހްމަދު ނަސީރު އަދި މުހައްމަދު އަކްރަމްގެ މައްޗަށް ދައުވާކުރި ނަމަވެސް، މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި އެވެ. އެ ހުކުމް އިސްތިއުނާފްކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އޭޕްރީލްމަހު ހައިކޯޓަށް ހުށަހެޅި އެވެ.

އެހެން ނަމަވެސް ހައިކޯޓުން މިއަދު މައްސަލަ ބަލައިނުގަންނަ ކަމަށް އަންގައި ލިޔުން ފޮނުވީ 300 ރުފިޔާގެ ރަޖިސްޓްރޭޝަން ފީ މުއްދަތުން ދައްކާފައި ނުވާތީ ކަމަށް ބުނެއެވެ. ޕީޖީ އޮފީހުން ބުނީ، ފީ ދެއްކުމަށް ބުނެފައި އޮތް ނަމަވެސް އެ ނޯޓިސް ލިބިފައި ނުވާ ކަމަށާއި އެ މެއިލް ފޮނުވާފައި އޮތީ އެ ވަގުތު ޗުއްޓީގައި ހުރި މުވައްޒަފަކަށް ކަމަށެވެ. ޕީޖީ އޮފީހުން ވަނީ އެ ނިންމުން މުރާޖައާކުރަން ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ކްރިމިނަލް ކޯޓުން ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގައި ބުނީ، ވީޑިއޯ އެނަލިސިސް ރިޕޯޓްގައި މީހާ ދެނެގަތުމުގައި ބޮޑު ގޯސްތަކެއް ހިމެނޭތީ އެ ހެއްކަކަށް ބެލެވެން ނެތް ކަމަށާއި ކޯލް ޗާޓް އަދި އިންޓެލިޖެންސް ރިޕޯޓްތަކުގެ ސައްހަކަން ސާބިތުކޮށްދޭ ހެއްކެއް ނުހުށަހެޅި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކުންނު
ޢަދުލު އިންޞާފަށް ވާޞިލުވުމަށްޓަކައި މައްސަލަ ހުށަހެޅުމަށް ފީ ދައްކަންޖެހުމަކީ ޤަބޫލުކުރަން ދަތި ހަމައެއް. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރައާއި ހިންގުމުގެ ޚަރަދު ކުރާ މުވައްސަސާތަކުން އިތުރު ފީތައް ނަގައި ރައްޔިތުންނަށް ބުރަބޮޑުވާގޮތަށް ނިޒާމު އޮންނަންޖެހޭކަމަކަށް ނުދެކެން. ފަރުދަކަސް ދައުލަތުގެ އިދާރާއަކަށް ތަފާތުނުކޮށް ފީ ނެގުމަކީ ހަމަހަމަކަމެކޭ ހީކޮށްފާނެ. އެހެނަސް ޢަދުލު އިންޞާފު ދޮރާށި ހުންނަންވާނީ ފަސޭހައިން ވަދެވޭގޮތަށް ކަމުގައިދެކެން. މިފަހަރު ދައްކަންޖެހޭ ފީއަކާހުރެ މައްސަލަ ބޭރުވީ. ޙަޤީޤަތަކީ ލޫޕް ހޯލަކުން ނުކުމެގެންދިޔަ މައްސަލަ އަނެއް ލޫޕުހޯލުން މިދިޔައީ ވާނުވާގެ ތެރެއަށް. ބޮޑެތި ތުހުމަތުކުރެވޭ މީހުން މުޖުތަމަޢަށް ދޫވެ ހެކި ފޮރުވުމާއި އެނޫންވެސް ކަންކަމަށް ފުރުޞަތު ފަހިވެގެންދަނީ މިފަދަ ބައެއް ކަންކަމުން. ކުށް މަދުކުރަން ވިސްނާއިރު ކަންކަންވެސް އެބަޖެހޭ އެމަގަށް ފަހިކޮށް ތަރުތީބުވާން.