މަޖިލީހުގެ ފިރިހެން މެންބަރުން ޖަލްސާތަކުގައި ޓައީ އަޅަން ލާޒިމްކޮށްފި

މަޖިލީހުގެ ފިރިހެން މެންބަރުން ޖަލްސާތަކުގައި ޓައީ އަޅަން ލާޒިމްކޮށްފި

Author
ޙަސަން މުޙައްމަދު
13 އޮކްޓޯބަރ 2025 03:15
0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ފިރިހެން މެންބަރުން ގަމީހާއެކު ޓައީ ނާޅައި ކެޝުއަލްކޮށް ވަޑައިގަތުން މަނާވާ ގޮތަށް މަޖިލީހުގެ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނައީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން އިހުތިޖާޖުގެ ގޮތުން ޓައީ ނާޅައި ޖަލްސާތަކުގައި ބައިވެރިވަމުން ގެންދަވާތީ އެވެ. އެ މެންބަރުން ޓައީ އެޅުން ހުއްޓާލީ ވަޒީރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭ މުއްދަތުގައި އެ ކަން ނުކުރާތީ އެކަމާ ދެކޮޅަށެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވި އިސްލާހުތަކާއެކު 48 މެންބަރުންގެ ވޯޓުން ފާސްކުރި ހެދުން އެޅުމުގެ އުސޫލުގައިވާ ގޮތުން، އާންމު ޖަލްސާތަކަށް ފިރިހެން މެންބަރުން ވަޑައިގަންނަވަން ޖެހޭނީ ކޯޓުފަޓުލޫނާއި ޓައީ، ނުވަތަ ގަމީހާއި ފަޓުލޫނާއި ޓައީ، ނުވަތަ ގައުމީ ހެދުމުގަ އެވެ. ރައީސް ރިޔާސީ ބަޔާން އިއްވާ ޖަލްސާތަކާއި ރަސްމީ ޖަލްސާތަކަށް ވަޑައިގަންނަވަން ޖެހޭނީ ކޯޓު ފަޓުލޫނާއި ޓައީ ނުވަތަ ގައުމީ ހެދުމުގަ އެވެ.

އަންހެން މެންބަރުން އާންމު ޖަލްސާތަކަށް ވަޑައިގަންނަވަން ޖެހޭނީ ރާއްޖޭގެ އާއްމު އަދަބާ ހިލާފު ނުވާ ރަސްމީ ހެދުމުގަ އެވެ. މި އުސޫލު ފާސްކުރުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ހުރިހާ މެންބަރުން ވެސް ގަވާއިދަށް އިހުތިރާމުކޮށް އަމަލުކުރައްވަން ވާނެ ކަމަށާއި، ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.