މިސްރުގައި މިއަދު ފެށޭ ޣައްޒާއަށް ސުލްހަ ހޯދައިދިނުމުގެ ބައިނަލްއަގުވާމީ ސަމިޓުގައި އީރާނުން ބައިވެރިނުވާނެ ކަމަށް އެގައުމުން ހާމަކޮށްފި އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ އިސްވެ ބާއްވަވާ މި ސަމިޓަކީ ހަނގުރާމަ ހުއްޓާލުމަށް ފަހު ޣައްޒާ އަލުން އާރާސްތުކުރުމާ ބެހޭ ބައްދަލުވުމެކެވެ.
ޝަރުމުއްޝައިހްގައި ބޭއްވޭ ސަމިޓުގައި ބައިވެރިވުމުގެ ދައުވަތު ލިބިފައި ވިޔަސް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣާޗީ އެކްސްގައި ވިދާޅުވީ ރައީސް މަސްއޫދު ޕެޒެޝްކިއަން އަދި އޭނާ ގެ އިތުރުން އެއްވެސް ބޭފުޅަކު ބައިވެރިނުވާނެ ކަމަށެވެ. އީރާނަށް ހަމަލާދިން އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ގައުމުތަކާ މުއާމަލާތްކުރެވޭކަށް ނެތް ކަމަށް އަރަޣާޗީ ބުންޏެވެ. އިޒްރޭލާއި އެމެރިކާ އީރާނާ ދެކޮޅަށް މީގެ 12 ދުވަސް ކުރިން ދިން ހަމަލާތަކަށް އީރާނުން އިޝާރާތް ކުރި އެވެ.
ނަމަވެސް ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވަން ކުރާ ކޮންމެ މަސައްކަތަކަށް ތާއީދު ކުރާ ކަމަށް އީރާނުން ފާހަގަކުރި އެވެ. 1979 ގެ އިސްލާމީ އިންގިލާބަށް ފަހު އީރާނުގެ ހާރިޖީ ސިޔާސަތުގައި ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުން މުހިންމު ދައުރެއް އަދާކުރަމުން އައިސްފައިވާއިރު އިޒްރޭލު ވެސް ބަލައި ނުގަންނަ އެވެ. ވިއްސަކަށް ގައުމަކުން ބައިވެރިވާ މި ސަމިޓުގައި އީރާނުގެ އިތުރުން އިޒްރޭލާއި ހަމާސް ވެސް ބައިވެރިއެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ