ކުޑަކުދިން އެކްސްޕޮލައިޓް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބައިބަލާ މުބާރާތްތައް ހޯސްޓުކުރުމަށް މަޝްހޫރު ނާފިއު ރަޝީދު (ނާއްޕެ)ގެ ބަންދަށް އިތުރު ފަސް ދުވަސް އިއްޔެ އިތުރުކޮށްފިއެވެ. މި މައްސަލާގައި ހިމެނޭ ބާކީ ތިން މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ހޯމަ ދުވަހު މާލެއިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ނާއްޕެއާއެކު، އަލީ އަޝްރަފް (35)، ލުހާން ސަޢީދު (41) އަދި އިބްރާހިމް ޝިނާން އަހުމަދު (33) ހިމެނެއެވެ. ޝިނާނަކީ އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިން މަސައްކަތްކުރި ގާނޫނީ ވަކީލެއް ކަމަށާއި، 2023 ވަނަ އަހަރު އެ އޮފީހުން ވަކިވެ މިހާރު ޕީއެސްއެމްގެ ވަކީލެއްގެ މަގާމުގައި ހުންނެވި ކަމަށް ވެސް އެނގިފައިވެއެވެ.
ހެންވޭރުގައި ހުންނަ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓެއް ފެނުނު ކަމަށާއި، ހައްޔަރުކުރި ހަތަރު މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލާގައި އަނިޔާލިބުނު ކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭ ކަމަށް ފުލުހުން ހާމަކުރި ނަމަވެސް، އެކްސްޕްލޮއިޓްކުރި ގޮތުގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ