500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ސަރުކާރު ތައްޔާރުވަނީ

500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ސަރުކާރު ތައްޔާރުވަނީ

Author
އަހުމަދު
08 އޮކްޓޯބަރ 2025 07:57
0

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ މި މަހުގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން ޑޮލަރު ފިނޭންސް މިނިސްޓްރީން ދައްކައިފިއެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޯބަރު މަހު ދައްކަންޖެހޭ ކޫޕަން ފައިސާ މިހާތަނަށް ސަރުކާރުން ގަވާއިދުން ދައްކަމުން އައިސްފައިވާއިރު، އަންނަ އަހަރުގެ އޭޕްރީލް މަހު މުއްދަތު ހަމަވާއިރު އެންމެ ފަހުގެ ކޫޕަން ފައިސާގެ ގޮތުގައި 25 މިލިއަން ޑޮލަރާއި، މުޅި އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރު ދައްކައި ނިންމާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެއް ކަމަށާއި، މި ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ. އަންނަ އަހަރު ސުކޫކުގެ ފައިނަލް ސެޓްލްމަންޓަށް ތައްޔާރުވަމުން ގެންދާއިރު، މާލީ ހަރުދަނާކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދެއެވެ.

ކުރީ ސަރުކާރުން ނެގި ލޯނުތަކަށް ދެއްކުމަށް މި ސަރުކާރަށް ބުރައަކަށްވެފައިވާއިރު، އިންޑިއާ އާއި ޗައިނާއިން އެ ގައުމުތަކަށް ދައްކަންޖެހޭ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދައިދީފައިވެއެވެ. ނަމަވެސް އަންނަ އަހަރު ސަރުކާރުން ދައްކަން ޖެހޭ ބޭރުގެ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.