އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން 134.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 20 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އޮޑިޓަރު ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އަންނަ އަހަރު 81 އޮޑިޓެއް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެތެރޭގައި ޚާއްސަ ނުވަ އޮޑިޓަކާއި މިނިސްޓްރީތަކުގެ 61 އޮޑިޓެއް ހިމެނެއެވެ. އަދި ލޯކަލް ކައުންސިލްތަކުގެ 94 އޮޑިޓެއް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އދ. ގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް ކުރިއަށްދޭތޯ 27 އޮޑިޓެއް ހިންގުމުގެ އިތުރުން ކައުންސިލްތަކުގެ ދަށުން ހިންގާ ކުންފުނިތަކުގެ 22 އޮޑިޓަކާއި އެކި ކުންފުނިތަކުގެ އައިޓީ ޑިޕާޓްމަންޓްގެ 16 އޮޑިޓެއް ހިންގޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ނިޔާޒީ ވިދާޅުވީ އެ އިދާރާގެ ރިސޯސްތައް ހުންނަގޮތުން ބައެއް އޮޑިޓްތައް ޕްރައިވަޓައިޒްކުރަން ޖެހޭތީ ބައެއް އޮޑިޓްތައް އަހަރު ނިމޭއިރު ނުނިމި ލަސްވާ ކަމަށެވެ. މި އަހަރުން ފެށިގެން އައްޔަންކުރައްވާ އޮޑިޓަރުންގެ މަސައްކަތް ގާތުން ބައްލަވައި ސީދާ އޮޑިޓް ރިޕޯޓުތަކުގައި ސޮއިކުރައްވާ ގޮތަށް ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބަޖެޓް އިތުރުވާ ސަބަބުތަކުގެ ތެރޭގައި ނޭޝަނަލް ޕޭ ފްރޭމްވޯކަށް މުސާރައިގެ އޮނިގަނޑު ބަދަލުވެ މުވައްޒަފުންގެ މުސާރައަށް 9.8 މިލިއަން ރުފިޔާ އިތުރުވުމާއި ފަސް ސީނިއާ އޮޑިޓަރުން ނެގުން ހިމެނެއެވެ. މި ވަގުތު އެ އޮފީހުގައި 170 މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށާއި 150 މުވައްޒަފުންނަކީ އޮޑިޓަރުން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ރިކަރަންޓް ޚަރަދުގެ ގޮތުގައި 89 މިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި ތިން މިލިއަން ރުފިޔާއާއި ޕީއެސްއައިޕީ މަޝްރޫއުތަކަށް 41.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އޮޑިޓަރު ޖެނެރަލް އޮފީހުގެ އާ އިމާރާތާ ގުޅިގެން ނިޔާޒީ ވިދާޅުވީ އެ އިމާރާތް ކުރިއަށް އޮތް 50 އަހަރަށް ކޭޓާކުރެވޭ ވަރަށް ފަރުމާކުރާ ކަމަށާއި ދައުލަތުގެ ބައެއް އިދާރާތަކަށް ވެސް އެތަނުން ޖާގަ ދިނުމުގެ ވިސްނުމުގައި އޮތް ކަމަށެވެ.
ކޮމެންޓު ފޮނުވާ