ވަޒީރުން މާލީ ބަޔާން ހާމަނުކުރާނަމަ މުސާރައިން ކެނޑޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައުމަށް ހުށަހެޅި އިސްލާހު، އެއްވެސް ބަހުސެއް ނެތި، އަދި ފަހުބަސް ވެސް އިއްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި އިސްލާހު އިއްޔެ ތައާރަފުކުރެއްވުމަށްފަހު، މިއަދުގެ ޖަލްސާގައި ބަހުސަށް ހުޅުވާލުމުން އެއްވެސް މެންބަރަކު ބަހުސްގައި ބައިވެރިވެވަޑައެއް ނުގަތެވެ. ރިޔާސަތުން ފަހުބަސް އިއްވަން ފުރުސަތު ދެއްވުމުން ކުޑޫ ވިދާޅުވީ ފަހުބަސް އިއްވަން ބޭނުމެއް ނުވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވީ ބަހުސް ނިމުނީ ކަމަށާއި، ވޯޓަށް އެހުމުން ބައިވެރިވި 59 މެންބަރުން ވެސް ވަނީ ބިލު ބަލައިގަތުމަށް ވޯޓުދެއްވައިފައެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި ވަޒީރުން މުދަލާއި ފައިސާގެ ބަޔާން ހާމަކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތްއިރު، ކުޑޫ ވިދާޅުވީ އެ މާއްދާގައި ބަޔާން ހުށަހަޅަން ޖެހޭ ވަކި މުއްދަތެއް ނުވަތަ ތާރީޚެއް ކަނޑައަޅައިފައި ނެތް ކަމަށެވެ.
ކުޑޫ ހުށަހެޅުއްވި އިސްލާހުގައި، ވަޒީރުން މަގާމުގައި ހުންނަވައިގެން ކޮންމެ އަހަރަކު އެއް ފަހަރު މާލީ ބަޔާން ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭނެއެވެ. މަގާމުގައި ހުންނަވައިގެން އަހަރަކު ހަމަވާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި ބަޔާން ހުށަހަޅަން ޖެހޭނެއެވެ. ބަޔާން ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައި އޮންނަން ޖެހޭނެއެވެ. މި މުއްދަތުގައި ބަޔާން ހުށަނާޅައިފިނަމަ، ބަޔާން ހުށަހަޅާ ދުވަހަށް ވަޒީރުގެ ދުވާލުގެ މުސާރަ ކެނޑެމުންދާނެއެވެ. އިސްލާހުގައި ވަޒީރުން މަގާމުގައި ހުންނަވަން ފެށުމުން 30 ދުވަހުގެ ތެރޭގައި އުފެއްދެވި މާލީ ބަޔާނެއް ހުށަހެޅުމާއި، ބަޔާންތައް އޮޑިޓާ ޖެނެރަލް އާންމުކޮށް ޝާއިއުކުރަން ޖެހޭ ގޮތަށް ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ