ކޯވިޑްގެ ދައްޗާއި އެކީވެސް ދަރަނި ދަނީ އަދާކުރަމުން: ޝަރީފް

ކޯވިޑްގެ ދައްޗާއި އެކީވެސް ދަރަނި ދަނީ އަދާކުރަމުން: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 09:23
0

ކޯވިޑް-19 ގެ އިޤްތިޞާދީ ދަތިކަމާއި އެކުވެސް ދިވެހި ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް ބަރާބަރަށް ދައްކަމުންދާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލާފައިވަނިކޮށް ޝަރީފް ވިދާޅުވީ ބޭރުގެ ޤައުމުތަކުންނާއި، މާލީ އިދާރަތަކުން ނަގާފައިވަ ލޯނުތައް ރާއްޖެއިން މިހާތަނަށް ބަރާބަރަށް މެނޭޖް ކުރަމުންދާކަމަށެވެ.

ޝަރީފް ވިދާޅުވީ ކޯވިޑް-19 ގެ ހަލަތާއި ގުޅިގެން ވަރަށްގިނަ ފަރާތްތަކުން ލޯނުތައް ދެއްކުން ފަސްކޮށް ދީފައިވާކަމަށެވެ. ނަމަވެސް މިހާލަތުގައިވެސް ދައްކަންޖެހޭ ލޯނުތައް ދެއްކުމުގައި ސަރުކާރުން އެކަން ބަރާބަރަށް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު އިއްޔެ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުންކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދުވަނީ 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގަފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑު ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ނުސީދާ ގޮތަކަށް ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ލޯނުތަކުގެ ގޮތުގައި ސިފަ ކުރައްވާފައިވަނީ ޗައިނާއިން އެކި ކަންކަމުގައި ނަގަފައިވާ ލޯނުތަކަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވަގުތު ޤައުމުގެ އިޤްތިޞާދު އޮތް ގޮތުންނާއި ޤައުމުގެ އުފުއްދުންތެރިކަމުގެ ނިސްބަތް އޮތް ހިސާބުން ނިމިދޔަ ވެރިކަމުގައި ނަގަފައިވާ ދަރަނި އަލުން މުރާޖާކޮށް، ޖޫރިމަނާއަކާއި ނުލައި ދަރަނި އަދާކުރެވޭނޭ ގޮތަކަށް ލޯނު ދޫކުރި ފަރަތްތަކާއި ވާހަކަ ދައްކައިގެން ހައްލު ހޯދުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.