ބޮކްސާގައި މަސްތުވާތަކެތި ފޮރުވައިގެން އައި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

ބޮކްސާގައި މަސްތުވާތަކެތި ފޮރުވައިގެން އައި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

Author
ޙަސަން މުޙައްމަދު
06 އޮކްޓޯބަރ 2025 08:39
0

ބޮކްސާ ތެރެއަށް ލައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ އަހުމަދު ޒާހިދު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، އޭނާގެ އަތުން 250 ގްރާމުގެ މެފްޑްރޯން ފެނިގެންނެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު އޭނާ ފުރަތަމަ 30 ދުވަހަށް ބަންދުކުރި އިރު، އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން ކަމަށް ފުލުހުންނާއި ކަސްޓަމްސްގެ ލިޔުންތަކުގައި ބުނެފައިވެއެވެ. ނަމަވެސް މި މައްސަލާގައި ހިމެނޭ އަސްލު މީހާ ހޯދަން ފުލުހުން މަސައްކަތް ނުކުރާ ކަމަށް ބަންދުކޮށްފައިވާ މީހާ ކޯޓުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ޒާހިދުގެ ޔޫރިން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.