މިދިޔަ ހުކުރުދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންނާ ކުރިމަތިލައި ވާޖިބަށް ހުރަސްއަޅާފައިވާތީ މިފަދަ ކުށްތަކަށް އަރައިގަންނަ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް ވިދާޅުވީ އެމްޑީޕީން ކުރި މުޒާހަރާއަކީ އާދަޔާ ހިލާފު ނުރައްކާތެރި މުޒާހަރާއެއް ކަމަށެވެ. ބައެއް މެންބަރުން މުޒާހަރާގައި ފުލުހުންނާ ކުރިމަތިލީ ދުވަހަކު ވެސް ނުފެންނަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހް ހާއްސަކޮށް ފާހަގަކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބެރިކޭޑް ތެރެއަށް ވަދެ ފުލުހުންނަށް ހުރަސްއެޅި މަންޒަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރެ އެފަދަ އަމަލެއް ކޮށްފިނަމަ ގަވާއިދާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި، އެ މިންވަރުގެ ކުށެއް ކޮށްފިނަމަ މެންބަރަކު ވިޔަސް އޭނާގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނުން އެގޮތަށް ކަނޑަނާޅާ ނަމަ މެންބަރުންނާއި އާއްމުންނާ ދެމެދު ތަފާތުކުރާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
މިހާރު ގާނޫނުން ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ޖިނާއީ ކުށެއްގެ ސަބަބުން ގެއްލޭނީ އެއް އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާ ހާލަތުގައެވެ. މީގެ އިތުރުން ހޮވުނު ޕާޓީން ވަކިވުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ