އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިސްރާއީލަށް ދިން ހަމަލައާއެކު ފެށުނު ޣައްޒާ ހަނގުރާމައަށް އަންނަ އަންގާރަ ދުވަހަށް ދެ އަހަރު ފުރޭއިރު، މި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އެކުލަވާލާފައިވާ ޕްލޭނަކަށް އިސްރާއީލާއި ހަމާސް ދެ ފަރާތުންވެސް ރަނގަޅު ސިގްނަލްތައް ދެމުން ދިޔުމާއެކު، މިސްރުގެ ގާހިރާގައި ހޯމަ ދުވަހު ކުރިއަށްދާ މަޝްވަރާތަކަށް ބޮޑެތި އުންމީދުތަކެއް އޮތް ކަމަށް މީޑީއާ ރިޕޯޓުތަކުން ހާމަވެއެވެ.
އެމެރިކާގެ ޕްލޭނުގައިވާގޮތުން އެއްބަސްވުމަކަށް އައުމާއެކު 72 ގަޑިއިރުގެ ތެރޭގައި ހަމާސްގެ ބެލުމުގައި ތިބި އެންމެހާ އަސީރުން މިނިވަން ކުރާނެއެވެ. މިހާރު ހަމާސްގެ ބެލުމުގައި 48 އަސީރަކު ތިބިކަމަށް ގަބޫލުކުރެވޭއިރު، އޭގެ ބަދަލުގައި އިސްރާއީލުން ފަލަޞްޠީނުގެ ވަރަށް ގިނަ ހައްޔަރީން ދޫކޮށްލަންޖެހޭނެއެވެ. އެއަށްފަހު އިސްރާއީލުގެ ފައުޖުތައް ޣައްޒާގެ ބިން ދޫކުރަން ފަށައި، ހަމާސް އިން ހަތިޔާރު ބަހައްޓަން ފަށާއިރު، ބައިނަލްއަގުވާމީ އަމަން ބަލަހައްޓާ ފައުޖެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެގެން ދާނެއެވެ.
ޕްލޭނުގައިވާގޮތުން ޣައްޒާ ވަގުތީ ގޮތުން ބައިނަލްއަގުވާމީ ގަވަނަންސް ބޮޑީއެއްގެ ދަށަށް ގެންދެވި، ދުވަހުން ދުވަހަށް ކަންކަން ބަލަހައްޓަން ފަލަޞްޠީނުގެ ވަގުތީ އެޑްމިނިސްޓްރޭޝަނެއް އެކުލަވައިލާނެއެވެ. މި ޕްލޭނުގައި ހަމާސް އަކީ ޣައްޒާގެ އެއްވެސް ކަމަކާ ނުބެހޭ ބައެއްގެ ގޮތުގައި ހެދުމާއި، އެ ޖަމާއަތުގެ މިލިޓަރީ އޮނިގަނޑާއި ބިމުއަޑީ ޓަނަލްތައް އުވައިލުމަށް ބާރުއަޅައެވެ. ޣައްޒާގެ ރައްޔިތުން ގަދަކަމުން ބޭރެއް ނުކުރެވޭނެއިރު، ދޫކޮށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާނެއެވެ.
މިދިޔަ ހުކުރު ދުވަހު ހަމާސް އިން ބުނީ އަސީރުން މިނިވަން ކުރުމަށާއި ވެރިކަމުގެ ބާރު ފަލަޞްޠީނުގެ ރައްޔިތުންނަށް ހަވާލުކުރަން އެއްބަސްވާ ކަމަށެވެ. އެހެނަސް ހަތިޔާރު ބަހައްޓާނެ ވާހަކައެއް އެއަކު ނެތެވެ. އަނެއްކޮޅުން އިސްރާއީލުން ހޮނިހިރު ދުވަހު ބުނީ ޕްލޭނުގެ ފުރަތަމަ މަރުޙަލާ ފަށަން ތައްޔާރު ނަމަވެސް ހަމާސް އިން ހަތިޔާރު ބަހައްޓާންދެން ފައުޖުތައް ޣައްޒާގައި ދެމި ތިބޭނެ ކަމަށެވެ.
ދެ އަހަރު ވަންދެން ދެމިއޮތް މި ހަނގުރާމައަށް ނިމުމެއް އައުމާ ނައުން ބުރަވަނީ މިސްރުގެ ގާހިރާގައި ހޯމަ ދުވަހު ކުރިއަށްދާ މަޝްވަރާތަކުން ނިކުންނަ ނަތީޖާގެ މައްޗަށް ކަމަށް މިސްރުން ބުނެފައިވާއިރު، އެ މަޝްވަރާތަކަށް އެމެރިކާގެ މުސީރު ސްޓީވް ވިޓްކޮފާއި އިސްރާއީލާއި ހަމާސްގެ ފަރާތުން ބައިވެރިން ވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ