ރާއްޖޭގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ ޚާއްސަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ ޚާއްސަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފި

Author
ހުސައިން
01 އޮކްޓޯބަރ 2025 05:08
0

ހުޅުމާލޭ ހޮސްޕިޓަލުން މިއަދު 'އެންޓީރިއާ ޓޯޓަލް ހިޕް ރިޕްލޭސްމެންޓް' ސާޖަރީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ޚާއްސަ އޮޕަރޭޝަން ކުރެވުނީ ހުޅުމާލޭ ހޮސްޕިޓަލުގެ ކަށީގެ ފަރުވާއަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުންނެވެ.

މި އޮޕަރޭޝަންގައި ފަރުވާދިނީ، އެވެސްކިއުލާ ނެކްރޯސިސް ބަލީގެ ސަބަބުން އުކުޅުވަޅު ހުޅުގެ ޓިޝޫތައް މަރުވެ، ދިގު މުއްދަތެއް ވަންދެން ކަނޑު ވޭން ތަހަންމަލުކުރަމުން އައި ބަލިމީހަކަށެވެ. މި ބަލިމީހާއަށް މިހާރު ވަނީ އޮޕަރޭޝަނުން ކާމިޔާބު ލިބި، ދުޅަހެޔޮ ދިރިއުޅުމެއް ފެށުމުގެ އުންމީދު އަލުން ލިބިފައެވެ.

މި އޮޕަރޭޝަންގެ ޚާއްސަ ކަމަކީ، މިއީ 'މިނިމަލީ އިންވޭސިވް ސާޖަރީ' އެއްގެ ގޮތުގައި ކުރިއަށް ގެންދެވުނު އޮޕަރޭޝަނެއް ކަމެވެ. އާންމު ގޮތެއްގައި އުކުޅުވަޅު ހުޅު ބަދަލުކުރާ އޮޕަރޭޝަންތަކާ ޚިލާފަށް، މި ފަރުވާގައި ބޮޑަށް ފަޅާކަށް ނުޖެހޭ ކަމުން، ބަލިމީހާއަށް ލިބޭ އުނދަގޫ ވަރަށް ކުޑަވެއެވެ. މީގެ ސަބަބުން ޓިޝޫތަކަށް ލިބޭ ގެއްލުން މަދުވެ، އޮޕަރޭޝަނަށްފަހު ރަނގަޅުވުމަށް ނަގާ ވަގުތު ކުރުވެ، ބަލިމީހާ އަވަހަށް އާދައިގެ ދިރިއުޅުމަށް އެނބުރި އައުމުގެ ފުރުޞަތު ބޮޑުވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކުރި ގޮތުގައި، މިއީ ހޮސްޕިޓަލުގެ ތާރީޚުގައި ލިބުނު މުހިންމު ކާމިޔާބީއެކެވެ. މި ޚިދުމަތް ރާއްޖޭގައި ފެށުމުން، މިފަދަ ބަލިތަކުން އަރައިގަތުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ބަލިމީހުންގެ އަދަދު މަދުވެ، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ފަރުވާ ލިބުމުގެ މަގު ފަހިވެގެން ދާނެއެވެ.

މިއަދަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ތާރީޚީ ދުވަހަކަށް ވި އިތުރު ސަބަބެއް ވެސް އެބައޮތެވެ. އައިޖީއެމްއެޗްގައި ވެސް މިއަދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންޑޯސްކޮޕިކް ސްޕައިން ސާޖަރީ ކުރިއަށް ގެންގޮސްފައެވެ. މިއީ މައިބަދައަށް ކުޑަ ކެމެރާއެއް ލައްވައިގެން ކުރާ ޚާއްސަ އޮޕަރޭޝަނެއް ކަމުން، މިފަދަ ޒަމާނީ ފަރުވާތައް ރާއްޖޭގައި ލިބެން ފެށުމަކީ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިވަމުންދާ ކަމުގެ ހެއްކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.