ނޫސްވެރިންނަށް ނުރައްކާތެރި މެސެޖްތަކާއި ބިރުދެއްކުންތައް އިތުރުވާތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅު ކޮށްފި

ނޫސްވެރިންނަށް ނުރައްކާތެރި މެސެޖްތަކާއި ބިރުދެއްކުންތައް އިތުރުވާތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅު ކޮށްފި

Author
ޙަސަން މުޙައްމަދު
01 އޮކްޓޯބަރ 2025 08:37
0

ނޫސްވެރިންނަށް އަމާޒުކޮށް ކުރާ އިންޒާރުތަކާއި ބިރުދެއްކުންތައް އިތުރުވަމުންދާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރޭ އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަން ފެށުމާ ގުޅިގެން، މި މަސައްކަތުގައި ބައިވެރިވާ ނޫސްވެރިންނަށް ގޮތް ގޮތުން އިންޒާރުތައް ދެމުންދާކަމަށް ފާހަގަކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ރާއްޖެ24 ގެ ނޫސްވެރިޔާ ނަޒީމް ނައުޝާދުގެ ފުރާނައަށް ސިޔާސީ ބޭނުމެއްގައި ގެއްލުމެއް ދޭން ބަޔަކު މަސައްކަތް ކުރާކަމަށް ބުނެ، ނޭނގޭ ފަރާތަކުން މެއިލެއް ފޮނުވާފައިވެއެވެ. މީގެ އިތުރުން އަސްލު ޓީވީގެ ނޫސްވެރިޔާ ޒިދާން މުހައްމަދަށް ވެސް އެކްސްގައި ހަދާފައިވާ ނޭނގޭ އެކައުންޓަކުން ފުރައްސާރަ ކޮށްފައިވާކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

މީޑިއާ ބިލާ ދެކޮޅަށް ރައީސް އޮފީހުގެ ކުރިމަތީގައި ބޭއްވި މުޒާހަރާގައި، ނޫސްވެރިން އޮފީހުގެ ގޭޓުތަކުންނާއި މުލީއާގޭ ފާރުމަތިން އަރަން މަސައްކަތް ކުރިކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދޮގު ތުހުމަތުތައް ކޮށްފައިވާކަން ވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. މިފަދަ ތުހުމަތުތަކުގެ ސަބަބުން ނޫސްވެރިންނާ ދެކޮޅަށް ނަފުރަތު އުފެދިފައިވާކަމަށް އެމްޖޭއޭއިން ބުނެއެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައި ވަނީ މިފަދަ އިންޒާރުތައް ނޫސްވެރިންނަށް އަމާޒުވަނީ، މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަސައްކަތް ކުރަން ފެށުމާ ގުޅިގެން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ނޫސްވެރިންނަށް ކުރާ ދޮގު ތުހުމަތުތަކުން އުފެދުނު ނަފުރަތުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީޑިއާ ގާނޫނާ ދެކޮޅަށް މަސައްކަތް ފެށި ފަހުން އެމްޖޭއޭގެ އެކްސްކޯގައި ހިމެނޭ ބައެއް މެންބަރުންނަށް ވެސް ތަފާތު ގޮތްގޮތުން ބިރުދެއްކުމާއި އިންޒާރުދިނުމުގެ އަމަލުތައް ކުރިމަތިވަމުންދާކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

އެމްޖޭއޭއިން ބުނެފައިވަނީ މި ހުރިހާ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ. އަދި ކުރިމަތިވާ ފިއްތުންތަކާއި ބިރުދެއްކުންތަކަށް ނުބަލައި، ނޫސްވެރިންގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ޔަގީންކަން ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.