ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހެލްތޫ ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. އިއްޔެ ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުވައްޒަފުންނަށް ސިއްހީ ބެލުންތައް ދީ، ދުޅަހެޔޮ ދިރިއުޅުމެއް ހޭދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.
މި ހެލްތު ސްކްރީނިން ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ ސިއްހީ ހާލަތު ބެލުމާއި، ސިއްހީ މައްސަލަތައް ކުރިން ދެނެގަނެ، ފަރުވާ ހޯދުމަށް މުވައްޒަފުން ހޭލުންތެރިކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވި ގިނަ އަދަދެއްގެ މުވައްޒަފުން ސިއްހީ ބެލުންތައް ހެދުމުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ މުހިންމު މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މުވައްޒަފުންގެ ކުރިއެރުމަށާއި، ރަނގަޅު މަސައްކަތު މާހައުލެއް ބިނާކުރުމަށް އަހަރުގެ ތަފާތު ދުވަސްތަކުގައި އެކި ޕްރޮގްރާމުތައް ރޭވުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އެގޮތުން ސިއްހަތާއި، ދުޅަހެޔޮ ދިރިއުޅުމާއި، އެހެނިހެން މުހިންމު ދާއިރާތަކުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ވަގުތުން ވަގުތަށް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮމެންޓު ފޮނުވާ