ބައިނަލްއަގުވާމީ ގާނޫނުތައް ބައެއް ބާރުގަދަ ގައުމުތަކުގެ މައްޗަށް ހަމަހަމަކަމާ އެކު ތަންފީޒު ނުކުރެވުމުން ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުން އދ. ގެ އާންމު މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފާޅުކުރައްވައިފިއެވެ. އެމެރިކާގެ ނިއު ޔޯކުގައި އިއްޔެ ކުރިއަށް ދިޔަ މި ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވަނީ މިކަމުގެ އެންމެ ފާޅު މިސާލެއްގެ ގޮތުގައި ފަލަސްތީނުގައި އިޒްރޭލުން ކުރިއަށް ގެންދާ އަމަލުތައް ފާހަގަކުރައްވައިފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އެއްވެސް ޖެހިލުމެއް ނެތި ފާޅުކަން ބޮޑު ގޮތެއްގައި ގަތުލުއާއްމު ހިންގަމުންދާއިރު، އދ. އިން ފާސްކޮށްފައިވާ ގިނަ ގަރާރުތަކާއި ބައިނަލްއަގުވާމީ ކޯޓުތަކުން ނެރެފައިވާ އަމުރުތަކަށް އިޒްރޭލުން ތަކުރާރުކޮށް ގޮންޖަހަމުންދާ ކަން މިނިސްޓަރު ހަލީލް ފާހަގަކުރެއްވި އެވެ. އަދި މި ގަތުލުއާއްމު ހިންގުމަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދެމުންދަނީ އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް ހިމާޔަތް ކުރުމަށް އެންމެ ބާރަށް ވަކާލާތުކުރާ ބައެއް ގައުމުތައް ކަމަށް ވިދާޅުވެ، މީގައި ހުރި ނިފާގުގެ މައްސަލަ އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ފަލަސްތީނުގެ މުސްލިމުންނަށް ދިމާވަމުންދާ ނިކަމެތި ހާލަތު ނުފެންނަ ކަމަށް ހަދައި، ލާއިންސާނީ ޖަރީމާތައް ހިންގުމަށް އިޒްރޭލަށް ދުނިޔެއިން ފުރުސަތު ދެމުންދިއުމަކީ މި ގަރުނުގެ އެންމެ ބޮޑު ލަދުގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ. މި ޖަރީމާތައް ހުއްޓުވުމަށް ދުނިޔެ ނުކުޅެދުމުގެ ސަބަބުން އިޒްރޭލުގެ އަނިޔާވެރި އަމަލުތަކުގެ އަސަރު މިހާރު ގަތަރާއި ސޫރިޔާ، ޖޯޑަން، ޔަމަނު އަދި އީރާނު ފަދަ ގައުމުތަކަށް ވެސް ފޯރަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ބައިނަލްއަގުވާމީ ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑު ގަދަވެއްޖެ ނަމަ އެއްވެސް ގައުމެއްގެ ސަރަހައްދީ އިމަށް ސަލާމަތެއް ނެތް ކަން މިފަދަ ކޮންމެ ހަމަލާއަކުން ސާފުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގާނޫނުގެ ބާރު ނުހިންގާ ދުނިޔެއެއްގެ ބިރުވެރި މުސްތަގުބަލަކާ މެދު އިންޒާރު ދެއްވަމުން، އދ. ގެ އޮނިގަނޑު އިސްލާހުކޮށް ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށް އަވަސްވެގަތުމަށް މިނިސްޓަރު ހަލީލް ވަނީ ގޮވާލައްވައިފަ އެވެ.
ރާއްޖެއިން މި ދެއްކި ވާހަކަފުޅަކީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ދައުރުގައި މެމްބަރު ގައުމުތަކުން ބައިވެރިވަމުންދާ އާންމު ބަހުސްގެ ބައެއްގެ ގޮތުގައި ދެއްކި ވާހަކަފުޅެކެވެ. މި ބަހުސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި ފޮރިން މިނިސްޓަރުން ވަނީ ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
ކޮމެންޓު ފޮނުވާ